ރައީސް ޔާމީން އަދި އަހުމަދު މުބީން / ތޭރަގްރެފިކްސް
ސިޔާސީ
މުބީނަށް ރައީސް ޔާމީންގެ ވަރުގަދަ ރައްދެއް: އިންޑިޔާ އައުޓް ކުރިޔަށްދިޔައިރު މުބީން ކިޔާ މީހަކު އުޅޭކަމެއް ވެސް ނޭނގެ
Aishath Naja
އައިޝަތު ނަޖާ
14 އޮކްޓޯބަރު 2024

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ބޭލުމަށްޓަކައި ކުރިޔަށް ގެންދިޔަ "އިންޑިޔާ އައުޓް" ކެމްޕެއިން މަސައްކަތުގައި މުބީން ކިޔާ މީހަކު އުޅުނުކަމެއް ނޭނގޭކަމަށް ވިދާޅުވެ އާރްއޭސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ޕީ.އެން.ސީ އާއި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ ވިސްނުމެއް ނޫންކަމަށާއި އެއީ ރައީސް ޔާމީންގެ ވިސްނުމުގައި އެކަނި ހުރިކަމެއްްކަމަށް މުބީން ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މުބީން އެފަދައިން ވިދާޅުވާއިރު އެ މަސައްކަތް ކުރިއިރު މުބީން އަކީ ކާކުކަމެއް ކަންވެސް އެމަނިކުފާނަށް އެނގިނުލައްވާކަމަށެވެ.

މިއީ ހަމައެކަނި ރައީސް ޔާމީންގެ ފިލޯސަފީއެކޭ ކިޔާފައި މިވާހަކަ މިދެއްކެވީ ހަމައެކަނި މުބީން. އަޅުގަނޑުމެން މީގެ ކުރިން ނުދެނެހުރިން މުބީން ކިޔާ މީހަކު ދުނިޔޭގައި އުޅޭކަމެއް ވެސް. އަޅުގަނޑުމެންނަށް ހަމައެކަނި އެނގެނީ ޔާސީން ސޫރަތުގައި އޮންނަ މުބީން.

- ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި މެދު ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިންގެ ދެއްކި ވާހަކަ، ބަހާއި އަމަލާ ދިމާ ނުވާކަމަށެވެ.

އިންޑިޔާ އައުޓް ކެމްޕެއިނަކީ އެންމެ ބޭފުޅެއްގެ ވިސްނުމެއްކަމަށް މުބީން ވިދާޅުވި ނަމަވެސް އެންމެ އުފާވާނީ އެ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ވޯޓު ހޯދަން ދިޔައިރު އެއީ އެބޭފުޅުންގެ ވެސް ވިސްނުންކަމަށާއި މިހާރު ޓީވީތަކަށް "ކުޑަކުދިން" އަރުވައިގެން ކުރިން ބުނި އެތި ކެންސަލްކުރާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved