March 21, 2026
Advertisement
ޕީއެންސީގެ ވެރިން
ޕީއެންސީގެ ވެރިން / ސޯޝަލް މީޑިއާ

މުރައިދޫގެ ހާދިމުންނަށް ޚަރަދުކުރަންޖެހޭނީ އަދުރޭ، ދައުލަތުގެ ބަޖެޓަކުން ނޫން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 16, 2024, 03:37 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުކަމުގައިވާ މުރައިދޫގެ ހާދިމުންނަށް މުސާރަ ދޭންޖެހޭނީ އަބްދުއްރަހީމް އަބްދުﷲ ކަމަށާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މުސާރަ ދެވިގެން ނުވާނެކަމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފް އިން ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ދިނުމަކީ މަޖިލީހުގެ ރައީސަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅީ އަދުރޭ ރާއްޖޭގައި ހުންނަވަނިކޮށް ކަމަށެވެ. އެހެންނަމަވެސް އަދުރޭ ރާއްްޖެއިން ފުރާވަޑައިގަތުމުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިކަމުން ދޭހަވެގެންދަނީ ޕީއެންސީ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ މިންވަރުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް މުއިއްޒުގެ ފެކްޝަނަކާއި އަދުރޭގެ ފެކްޝަނެވެ.

އަބްދުއްރަހީމްގެ ކަންތައްތައް ބަލަހައްޓަވަން އެތަނަށް އެ ލައްވާ ޚާދިމުންނަށް އަބްދުއްރަހީމް ހަރަދު ކުރައްވަން ޖެހޭނީ. އެއީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނެ ކަމެއް ނޫން

ރައީސް ޔާމީން ވިދަޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ތަނެއްގެ ހަރަދު ބަލަހައްޓަންޖެހޭނީ ދައުލަތުން ކަމަށް އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައި ވެސް ލިޔެފައި ނޯންނާނެކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިއިރު ދިރިއުޅޭނެ ގެއެއް ދައުލަތުގެ ހަރަދުގައި ހަމަޖައްސާފައި ވަނީ ކުރީގެ ރައީސަކަށްވެފައި އެމަނިކުފާނަށް ދިމާވި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކޮންމެހެން ސެކިއުރިޓީ ވަރުގަދަކުރަން ޖެހޭތީ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް ކަމުގައިވާތީ އަދުރޭ ދިރިއުޅެން ދައުލަތުން ގެއެއް ހަމަޖައްސާކަށް ނުޖޭހެނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved