ގްރީން ޓެކްސް އާއި އެއާޕޯޓު ފީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.
އެއާޕޯޓް ފީ ބޮޑު ކުރުމާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެ ވަނީ ނިންމާލާފައެވެ. އަދި މިއަދު ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް ވަނީ ނިންމައިފައެވެ.
އެ ދެ ބިލު ވެސް ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓާއެކުއެވެ.
އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެމްބަރެކެވެ.
އެއާޕޯޓު ފީ ބޮޑު ކުރަން ނިންމާފައިވަނީ އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އަދި ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށެވެ.
ޓެކްސް ބޮޑުކުރަން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.