ދައްކަން އަބަދުވެސް މި ޖެހެނީ އަދުގެ ސަރުކާރުގެ ވެރިން އިދިކޮޅުގައި އޮވެ ދެއްކި މޮޅެތި ވާހަކަތަކެވެ. ކެނޑިހާ ފޮނި ދިޔައީ އަރައިގެން ކޮންތަނަކަށްބާއޭ ވެސް އަޅުގަނޑު ހިތައް އަރައެވެ. އިދިކޮޅުގައި އޮވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންގެންދިޔަ އިރު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ޖަގަހަތަކުގައި ޕޯޑިއަމް ކައިރީ ހުއްޓި، ހުސްނުވާވަރަށް ހަކުރު އަޅައިގެން ކެއްކީ ބޮނޑިބަތެވެ. މިހެން ދެން ނުބުނެފިއްޔާވެސް ރަނގަޅެވެ. ޗަކޮޔެމެން މި ޖަހާ ސަކަރާތެއް އަޅުގަނޑަކަށް ހަމަ ފަހުމު ވާވަރެއް ނުވިއެވެ.ކުރިން ބުނި އެތި ކެންސަލްކޮށްގެން ބަޔަކު އުޅޭތީ އެ ވާހަކަ ތިލަކުރުމަށް ގަސްތުކުރަމެވެ.
އާދެ، ވެރިކަމަށް އައުމުގެ ކުރިން ވެސް އަދި އައުމަށްފަހު ވެސް އަދުގެ ސަރުކާރުގެ ވެރިން ދައުވާކުރީ މިއީ "ހާމަކަން ބޮޑު" ސަރުކާރެއްގެ ގޮތުގަެއެެވެ. ހާމަކަން ބޮޑު ސަރުކާރެއްކަމަށް ދައުވާ ކުރާއިރު މިހާތަނަށް ހާމަކުރެވުނު އެއްޗެއް ނެތެވެ. އާރާއި ބާރާއި ޝާނާ، ޝައުކަތު ލިބުމުން ބަޔަކު މީހުންނަށް ކުރެވުނު ވެސް ކަމަކީ ރައްޔިތުންނަށް އޮޅުވާލާ، އަނދިރި ދައުލަތެއް އެކުލަވާލުމެވެ. މިވެރިކަން ހޯދީ ވަޒީފާތައް ބަހައިގެން ކަމީ އޭގައި އެއްވެސް ޝައްކެއް ވަސް އޮތްކަމެއް ނޫނެވެ. ސިޔާސީ މަޤާމުތަކަށް އެމީހަކު އައްޔަންކުރެވޭ ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުން އެކަނި އައްޔަންކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުގެ އެކި މަޤާމުތަކަށް އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދެއް ނެތް މިންވަރަށްވީ އިތުރެވެ.
ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އެ އަށްވުރެ އިތުރު ނުވާނެކަމަށެވެ. ހާމަކަން ބޮޑު ސަރުކާރެއް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމާއެކު ދައުލަތުގެ ބޮޑު ސިއްރަކަށްވީ ސިޔާސީ މުވައްޒަފުންގެ އަދަދުކަން މިއަދު ހުރިހާ އެންމެނަށް ވެސް އެނގެއެވެ.
މައުލޫމާތު ހޯދުމަށް "ރައިޓް ޓު އިންފޮމޭޝަން" (އާރުޓީއައި) ލާކަށް ނުޖެހޭނެކަމަށް ބުނެ ޑިސެމްބަރު މަހު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ކެނޑީ ހުސްފޮންޏެވެ. ހެއްދެވީ އެކަމުގައި ވެސް ބޮޑު ދޮގެވެ. އާރްޓީއައި ލާންޖެހެއެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް އާރްޓީއައި ލައިގެން ލިބުނު 13 މިނިސްޓްރީގެ މައުލޫމާތުތަކުން އެކަނި 705 މުވައްޒަފުން ތިބިކަން ވެސް ހާމަވެގެންދިޔައެވެ. ބާކީ ނުވަ މިނިސްޓްރީގައި ތިބި ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންނާއި, ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި, ޕޮލިޓިކަލް ޑިރެކްޓަރުންނާއި, އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު ނޭނގި ހުއްޓާ ރައީސް މުއިއްޒު ކުރެއްވީ މޮޅު ޕޯސްޓެކެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އިގްތިޞާދީ ސިޔާސަތު އިސްލާހުކުރުމުގެ ތެރެއިން ޚަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމެވި ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވި އިރު މަނިކުފާނަށް ވިސްނިވަޑައިގަތީ 11 މަސްފަހުންތޯއެވެ. .މި މުވައްޒަފުން ވަކިކުރުމުން ސަރުކާރުގެ ރިކަރެންޓު ޚަރަދުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއިރު މީގެ ކުރިން އެވަރު ހަމަ ނުވިސްނުނީތޯއެވެ.
ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ އަދަދު 7،000އަށްވުރެ އިތުރުކަމަށް ނޫހަކުން ޝާއިއު ކުރުމުން އިސް ތަރުޖަމާނު ހީނާ ވަލީދު ރަތައް އަރައިގެން ކުރެއްވި ޕޯސްޓުގައި ހެއްދެވީ ބުހުތާނު ދޮގެކެވެ. އެވަގުތު ވެސް ދޮގު ހެދުމުގެ ބަދަލުގައި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރެއްވިއްޔާ ހީނާއަށް ވަނީ ކޮން ގެއްލުމެއްބާއޭ ވެސް އަޅުގަނޑު ހިތައް އަރައެވެ.
މިވެރިން ދައްކަނީ ހުސް ބަހަނާއެވެ. ވެރިކަމަށް އައުމަށްފަހު ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރާެނެކަމަށް އެތައްފަހަރެއްގެ މަތިން ބުނި ނަމަވެސް ކުރެވުނު ތަނެެއް ނުފެނެއެވެ. މި ވެރިންގެ ފަރާތުން އެއްޗެއް ހާމަކުރަން ބުނާއިރަށް ދައްކާ އެންމެ ބޮޑު ބަހަނާއަކީ "ގައުމީ ސަލާމަތައް ނުރައްކާވުން" އަސްތާ މިއީ ދެން މިއަހަރުގެ ވެސް އެންމެ ބޮޑު ޖޯކެއްނު!