ނޫސްވެރިންނަށް އިމެއް ނެތް މިންވަރަށް މިނިވަންކަން ދޭނެ ކަމަށް ވިދާޅުވި ރައީސްގެ އޮފީހުން، ނޫސްތަކަށް ފިޔަވަޅު ނާޅައިގެން ރުޅިގަދަވެއްޖެއެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ، ބްރޮޑްކޮމް އާ މީޑިޔާ ކައުންސިލްއާ ގުޅުން ހުރި ޝަކުވާތަކަކާ އެކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅާފައިކަން ވަނީ ހާމަވެފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެ އޮފީހުން ހުށަހަޅާ ޝަކުވާތައް ނުބަލާ ކަމަށް ބުނެފައެވެ. ރެޖިސްޓާޑް އަދި އަން-ރެޖިސްޓާޑް ނޫސްތަކުން ލިިޔެފައި ހުރި ބައެއް ޚަބަރުތައް ނޮޓިފައިކޮށް ރައީސް އޮފީހުން ފޮނުވާފައި ސިޓީގައި ވަނީ އެއީ ރައީސްގެ އަގުވައްޓާލަން ކުރާ ކަމެއް ގޮތުގައި ސިފަކޮށްފައެވެ.
މި ސިޓީއާ ގުޅިގެން އަންނަ ހަފުތާގެ ތެރޭ މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމް އެ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމާފައިވެއެވެ.
މީޑިއާތަކުން ދޮގު ހަބަރު ފަތުރާކަމަށް ބުނެ ރައީސް އޮފީހުން މި އަހަރު ތެރޭ މީޑިއާ ކައުންސިލަށް 75 މައްސަލައެއް ޖުލައި 31، ގެ ނިޔަލަށް ހުށަހެޅިކަން ހާމަވެފައިވެއެވެ.
ނޫސްވެރިންނަކީ ޑިމޮކްރެސީގެ ހަތަރު ވަނަ ބާރު ކަމަށާ ނޫސްވެރިންނަށް އެންމެ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ޖާގަ ދޭނީ މިސަރުކާރުން ކަމަށް ރައީސް މުއިއްޒު ހުވާކުރެވުމަސް ފަހު ބޭއްވި ނޫސްވެރިންގެ ުންޒަރުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ވެރިކަމުގެ ދުވަސްތައް ހިނގަން ފެށުމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރާ ނޫސްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން މަސައްކަތް ފަށާފައިވެއެވެ. އަދި ސަރުކާރުގެ ތެރެއިން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލިދު އާ އަދި އިސްވެރިންވެސް ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށްލެވެއެވެ.