މުސްކުޅިން ބުނެ އުޅޭތި އަޑު އަހަމުއެވެ. މީހަކަށް މީހަކު ނުވަތަ އެއްޗެއް މުހިއްމު ވާނީ އޭގެ ބޭނުން އެމީހަކަށް ހިފޭހާ ހިނދަކު ކަމަށެވެ.
އެގޮތުން ބަލާއިރު ޒަމާނަށް އަންނަ ބަދަލާ އެކު މިކަންކަން ދަނީ އާންމު މިސާލުން ބަލާނަމަ ދިރިއުޅުންތަކުން ފެންނަމުންނެވެ. އަދި ގައުމުގެ ހާލަތުންވެސް ފެންނަމުންނެވެ.
ސިޔާސީ މަސްރަހަށް ބަލާނަމަ މިކަން އެންމެ ފުންކޮށް ފެންނަނީ އެ ދިމާލުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.
ކޮންމެ އަކަސް މިއަދުގެ އިރު ފެނުން ތޮޅިލީ ވެސް ސިޔާސީ މަސްރަހުގައި ބޮޑު ގުގުމަކާ އެކުއެވެ. އެއީ ރާއްޖޭގައި މިހާރު ދެވަނަ އަށް އޮތް އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން ސަރުކާރުން މަސައްކަތް ފެށި ޚަބަރުންނެވެ.
އެގޮތުން އިއްޔެ ވަގުތެއްގައި ޕީޕިއެމް ސެނެޓަރުންނަށް އެ ޕާޓީގެ ބައްދަލުވުމަކަށް މިއަދު މެންދުރު ފަހު 2:00 އަށް ދައުވަތު ފޮނުވުމަށް ފަހު ސެނެޓަރުން އެންގީ އެއީ ޕީޕީއެމް އުވާލުމަށް މަޝްވަރާކޮށް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމެއް ކަމަށާ އެ ހުށަހެޅުމަށް ތާއީދުކުރުމަށް އެދޭ ކަމަށެވެ.
ސެންޓަރުންނަށް ނޯ ޗޮއިސް ކުރުމަށް ފަހު އެންގި މި އެންގުމާ އެކު ސެނެޓަރުން ކަންބޮޑުވެ މާޔޫސްވެސް ވިއެވެ. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ނަގާ ކޮޅަށް ޖެހި ޕާޓީ މިއަދު އެމީހުންގެ އަތުން ފުނޑުވަން ރައީސް މުހައްމަދު މުއިއްޒުގެ ފެކްޝަނުން މަސައްކަތްކުރާތީއެވެ.
34698 މެމްބަރުން ތިބި ޕީޕީއެމް އުވާލަން ނިންމަން މިއަދުގެ ސެނެޓަު ބައްދަލުވުމުގައި އެޖެންޑާ ކުރި ނަމަވެސް އެކަން މީޑިޔާ ތިލަވުމާ އެކު، އާންމުކޮށް ރައްޔިތުންނަށް އޮޅުވާލާ ގްރޫޕުގެ އިސްނެގުމާ އެކު ވަނީ އެޖެންޑާއަށް ބަދަލު ގެނެސްފައިކަން ވެސް ފަހުން ހާމަވެފައިވެއެވެ.
އެގޮތުން އެޖެންޑާއަށް ގެނައި ބަދަލާ އެކު މިއަދު ވަނީ ޕީޕީއެމްގެ ނައިބެއްގެ މަގާމަށާ ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށް ބައްދަލުވުމުގެ އަސްލު މަގްސަދުވެސް އޮޅުވާލާފައެވެ.
ބެލެވޭ ގޮތުގައި މިފަދަ ގޮތަކަށް އެޖެންޑާ ބަދަލުކުރީ ޕީޕީއެމް އުވާލަން ނިންމައިފި ނަމަ ރައްޔިތުންގެ ޕްރެޝަރ ސަރުކާރަށް އަންނާނެ ވަރު ފަހުން ރައީސް މުއިއްޒުގެ ފެކްޝަނަށް ވިސްނި އަދި ޕީޕީއެމް އުވާލަން ފާސްކުރަން ބޭނުންވާ އަދަދުވެސް ހަމަނުވެދާނެތީ ކަމަށް ވެއެވެ.
ކޮންމެ އަކަސް ބިޔަ ބޮޑު ޕީޕީއެމް އުވާލަން މަސައްކަތް ފަށައިގެން އުޅެނީ ސަރުކާރު ޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތަށް ލިބޭ ތަރުހީބު ކުޑަވެ އެ ޕާޓީއަށް ވަންނާން މީހުން، ޕީޕީއެމް އުވާލުމުން އިތުރުވެދާނެ ކަމަށް ރައީސް މުއިއްޒުގެ ފެކްޝަނުން ކުރާ ޕްރިޑެކްޝަނާ އެކުއެވެ.
ނަމަވެސް ހަނދާން އައު ކޮށްލަން ޖެހޭ ކަމަކީ މިހާރުވެސް ސަރުކާރުން ކަންކަން ކުރާ ހޭދައަކީ ޕީޕީއެމްގެ މެމްބަރުންގެ އަދަދަށް ބަލާ އީސީއިން ދެމުން ގެންދާ ފައިސާކަމެވެ. އަދި ޕާޓީ އުވާލަން އުޅޭއިރު އެ ޕާޓީގައި ތިބި ވަފާތެރި މެމްބަރުންނަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އަރުވާ ޖަހާ ނުކުމެ އެންމެ އިޚްލާސްތެރި މަސައްކަތްކުރި މެމްބަރުން ކަމެވެ.
ލޯ އަނދިރި މީހަކު ލޮލަށް ފެނުމުން އެންމެ ފުރަތަމަ ވެސް އެއްލާލާނީ އަތުގައި އޮތް އަސާ ކަމަށް މުސްކުޅިން ބުނެ އުޅޭއިރު މިއަދު އެ ހަގީގަތް މިދަނީ ރައީސް މުއިއްޒުގެ ފަރާތުން ފެންނަމުންނެވެ.
ކަނޑިކި ބުރި ހަނދާން ނެތުމަކީ އާންމުކަމެއް ކަން މިހަރު މިދަނީ ހާމަވަމުންނެވެ. ޕީޕީއެމްއަކީ ވެރިކަމަށް އައުމަށް ގުރުބާނީއަކަށް ހެދި ކަންބަޅި ބަކައްޓަކަށްވީތާއެވެ.
ރައީސް މުއިއްޒުއެވެ. ކެޔޮ ގަނޑު ކަނޑާލީމާ ގަހުގެ ބޭނުން މިއަދު ކެނޑުނީ ދެއްތޯއެވެ.