ދިވެހިންގެ ރާއްޖޭގައި ދިވެހިންގެ ޖަޒީރާ ރަށްތަކަށް އެރުމަށް ވަކި ހުއްދަތަކެއް ނަގަން ނުޖެހޭނެ ކަމަށާއި އެއީ ދިވެހިންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ދިޔަ ފްރޮންޓް އޮފީސް ޖަލްސާގައި އުތުރު ތިލަފަޅު މަޝްރޫއުއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައެވެ.
އުތުރު ތިލަފަޅުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރު ނުހިނގާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާއަށް އެ ވެރިކަމުގައި ވަނީ ދީފައި ކަމަށާއި އިންޑިއާ އަސްކަރިއްޔާއިން އެތަން ނަގައިގެން އެމީހުންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ދަތުރުކުރުމުގެ ފުރިހަމަ މިނިވަންކަން ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ލިބިދީފައިކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން އެއްވެސް ރަށަކަށް އެރުމަށް ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށާއި އެއީ ދިވެހިންނަށް ލިބިދީފައިވާ ހައްގެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އުތުރުތިލަފަޅަށް ދިވެހިންނަށް ނޭރޭ މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވީ މީހުން ވެރިކަމަށް އައިސް އަދިވެސް ކަންކުރަނީ ހަމަ އެފަދައިން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އުތުރު ތިލަފަޅަށް ދިވެހިންނަށް އެރެންޖެހޭ. އެއީ ދިވެހިންނަށް އޮތް މިނިވަންކަމެއް. ހައްގެއް. ދިވެހިންގެ ޖަޒީރާ ރަށަކަށް ދިވެހިންނަށް ނޭރެންޖެހޭ ސަބަބެއް ނެތް.
މީގެ އިތުރުން މި ސަރުކާރުން ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒްވާ އެތައް ކަމެއް ކުރަމުން ދާ ކަމަށާ އެގޮތުން ހަނިމާދު އެއާޕޯޓުވެސް އަލުން އިންޑިއާއަށް ދީފިކަމަށެވެ. އެގޮތުން މި ސަރުކާރުން މަންމަ އުނގުގައި އޮތް ފައްޓަރުބައި ވިއްކާލައިފިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.