ރައީސް މައުމޫނު އަބްދުލްގައްޔޫމަކީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ރައްކާތެރި ކުރެެއްވުމަށް ނުހަނު ގިނަ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާ އެހެންކަމުން ބައްޕާފުޅު ގައުމުގެ ހައްގުގައި ކުރެއްވި އެ ހިދުމަތްތަކަށް އިހުތިރާމު ކުރާނަމަ، ގައުމު ހިމާޔަތްކުރުމުގެ ނަމުގައި ހަޑި ނުހާވާ މަގާމުން އިސްތިއުފާ ދެއްވުމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައިވައިފިއެވެ.
ރައީސް ޔާމީން ޣައްސާނަށް މިފަދައިން ގޮވާލައްވާ ނަސޭހަތް ދެއްވީ ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގެ އޯޑިއެންސްގައި އިންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫނަކީ ގައުމަށް ދިގު މުއްދަތަކަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ރައީސެއް ކަމަށާ އޭގެ ތެރެއިން އެންމެ ބޮޑު ގުރުބާނީއެއް ރައީސް މައުމޫނު ވެވަޑައިގެންނެވީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރެއްވުމަށްކަމަށެވެ.
އެހެންކަމުން ޣައްސާން ޑިފެންސް މިނިސްޓަރަކަށް ބަހައްޓައިގެން ރައީސް މުހައްމަދު މުއިއްޒު މިއަދު ޣއްސާން ލައްވާ ގައުމުގެ މިނިވަންކަން ކޮމްޕްރޮމައިޒް ކުރުވަން ރައީސް މައުމޫނު ގަބޫލުވެވަޑައި ނުގަންނަވާނެކަން ޔަގީންވާ ކަމަށާ ޣައްސާންގެ ބޮޑު ބޭބެއެއްގެ ހައިސިއްޔަތުން ޚުދު އެމަނިކުފާނުވެސް ގަބޫލުފުޅު ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ބައްޕާފުޅުގެ ގުރުބާނީގެ ލެގަސީ ދަމަހައްޓަން ޣައްސާން ބޭނުންނަމަ ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮއިންޒްވާ ކަންކަން ކުރުމުގެ ބަދަލުގައި ހިތްވަރު ކުރައްވާ އިސްތިއުފާ ދެއްވާ ވަޑައިގަތުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ގިނަގުނަ މަސައްކަތެއް ކޮށްދެއްވި ބޭފުޅެއް، ދަރިކަލުން ޣައްސާން ލައްވާ ހަޑިހާވަން ނޫޅުއްވާ. ޣައްސާން ފިރިހެނަކަށް ވަންޏާ އިސްތިއުފާ ދެއްވާ ވަޑައިގަންނަވާ
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެސް ވަނީ ގައުމަށް ޣައްދާރުވެފައި ކަމަށާ އެގޮތުން އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށްވުރެ މި ސަރުކާރު މާ ގޯސްކަން އުތުރުތިލަފަޅު މައްސަލައިން އެކަނި ހާމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.