

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި ރައްޔިތުން އެއްވެ މިފަދަ ކަންކަންތައް ހޯދާއި ކުންފުނިތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގާ، ނުބަލާ ހުރީ ކީއްވެގެންތޯ ބެލުމަށް ރައްޔިތުން އެއްވާން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭސީސީ އާއި ސަރުކާރުގެ ކުންފުނިތައް ކައިރިއަށް ރައްޔިތުން އެއްވެ ޖަވާބުދާރީކުރުވަން އެބަޖެހޭ
އަދި މި ސަރުކާރު ހުވާ ކުރީއްސުރެ ސްޓެލްކޯއިން އަންނަނީ ގަސްތުގައި ކަރަންޓް ބިލު ބޮޑުކޮށް ސަރުކާރަށް ލާރި ހޯދުމަށް ރައްޔިތުން އަތުން ފައިސާ ނަގަމުން ކަމަށް ރައީސް ޔާމީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އެއްވެސް މުއައްސަސާއެއް ފުރިހަމައަށް ނުހިނގާ ކަމަށާއި ރައްޔިތުންނަށް ހުރިހާ ގޮތަކުން ސަރުކާރުން އަންނަނީ ދިގު ހަދާ އޮޅުވާލަމުން ކަމަށްވެސް ރައީސް ޔާމީންގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
މަގާމުތައް ހަވާލުކުރަނީ މަގާމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކަމަށާއި ނުހައްގު ބޮޑެތި މުސާރަ ނަގައިގެން ތިބުމަށް ނޫންކަމަށް ރައީށް ވަނީ ސަރުކާރުގެ އިސްވެރިންނަށް ހަނދާންކޮށްދީފައެވެ.