ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި މުހައްމަދު ތޮލާލު އޭނާގެ މަގާމުގެ ޝަރުތުތަކާ ޚިލާފުވެ، ސިޔާސީ މަސައްކަތްކުރަމުން ދާކަން ހާމަވެއްޖެއެވެ.
ތޮލާލަކި ސްޕޯޓްސް ކޮމިޝަނަރަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސެވުމުގެ ކުރިން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލުގެ މަގާމު ފުރަމުން ދިޔަ ބޭފުޅެކެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔާން ކުރައްވާ އެއްވެސް ބޭފުޅަކީ ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް ވެގެން ނުވާނެކަން ބަޔާންކޮށްފައިވުމުން ޕީޕީއެމުން ކުރިން ބުނެފައިވަނީ އެ މަގާމާ ހަވާލުވުމުގެ ކުރިން ތޮލާލު ވަނީ ޕީޕީއެމްގެ އެސްޖީކަމުންނާ ޕީޕީއެމްގެ މެމްބަރުކަމުންވެސް އިސްތިއުފާދީފައި ކަމަށެވެ.
ޕީޕީއެމުން މިފަދައިން ހާމަކުރި ނަމަވެސް ތޮލާލު ގެންދިޔައީ މި ސަރުކާރު އައިސްވެސް ޕީޕީއެމްގެ ހަރަކާތްތައް ހުއްޓެން ދެން ޕީޕީއެމްގެ ކަންކަމުގައި ހަރަކާތްތެރިވަމުންކަން ޕީޕީއެމް މީޑިޔާ ގްރޫޕުން ވެސް ފެންނަން އެބައޮތެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ތޮލާލު ކުރިން ވިދާޅުވެފައިވަނީ ޕާޓީ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް ފަހު ކުއްލިއަކަށް ޕާޓީއިން ވަކިވުމާ އެކު ހޭންޑްއޮވަރއަށް ވަގުތުކޮޅެއް ބޭނުންވާތީ ގްރޫޕުތަކުގައި އަދި އިނީ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ އިތުރު އެއްވެސް ކަމެއްގައި ނޫޅޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ތޮލާލު މިފަދައިން ވިދާޅުވެފައިވާ ނަމަވެސް އެނާ ގެންދަނީ ސިއްރުން ޕީޕީއެމްގެ ސިޔާސީ މަސައްކަތްކުރަމުން ކަން ވަނީ ހާމަވެފައެވެ. އަދި ތޮލާލުގެ އިސްތިއުފާއަށް އަހަރެއް ވެގެން ދިޔައިރުވެސް ޕާޓީގެ ކަންކަން "ހޭންޑް އޯވަރ" ނުކުރެވެނީތޯވެސް ސުވާލު އުފުދެއެވެ.
އެގޮތުން އިއްޔެ ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގެ ދައުވަތުވެސް ހުރިހާ ސެނެޓަރުންނަށް ފޮނުވީ ސީދާ ތޮލާލުކަން ހާމަވެފައިވެއެވެ. ތޮލާލު ހުރި މަގާމުގެ ގޮތުން ނަމަވެސް މިފަދަ މަސައްކަތް ކުރުމަކީ ނުވަތަ "ސިޔާސީ" ޕާޓީއެއްގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެކެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގާނޫނާ ހިލާފަށް އަމަލު ކުރައްވާނެ ބޭފުޅުން ނުތިއްބަވާނެކަމަށް ބުނެ ޕީއެންސީ ބޮޓު ކުދިންކޮޅު ފަތުރަނީ ދޮގުކަން މިވަނީ ހާމަވެފައެވެ. އަދި ތޮލާލު އެ ގެންދަވަނީ ގާނޫނާ ޚިލާފުވަމުންނެވެ. ނަމަވެސް ސުވާލަކީ މި މައްސަލަ ބަލާނެ މުއައްސަސާއެއް ގައުމު އޮތްތޯއެވެ.