މަގްބޫލުކަމަކީ އަދި މަޝްހޫރުކަމަކީވެސް ކޮންމެ މީހަކުވެސް ބޭނުންވާނެކަމަކަށް ވެދާނެއެވެ. ނަމަވެސް އެ މަގްބޫލުކަމާ މަޝްހޫރުކަން ހޯދަން އެހެން މީހުން ގަންބާލާ އެހެންމީހުންގެ ކަރަށް ފައިން އެރުމަކީ ކަންކަން ކުރަން އެނގޭ، ކެރޭ މީހުންގެ ފިލޯސަފީއަކަށް ނުވާނެކަން ޔަގީނެވެ.
އެހެނީ އަމިއްލަ މަސައްކަތުން ކުރިއަރާ ދިއުމުގެ މަގު ކޮށާ އެ މަގުން ދުރު ރާސްތާ ޕްލޭނަކާ އެކު ދަތުރުކުރުމަކީ ގާބިލު ކެރޭ މީހުންގެ ފިލޯސަފީއަށް ވުމުންނެވެ.
ނަމަވެސް އަދުގެ ވެރިންގެ ކިބައިން މިފެންނަނީ އެ ފިލޯސަފީއާ ވަރަށް ބީރައްޓެހި ކަންކަމެވެ. އެގޮތުން ބަލާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އައީ ޕީޕީއެމް/ޕީއެންސީގެ ވެސް މެމްބަރުންގެ ނުހަނު ބުރަ މަސައްކަތުންކަމަށްވީ ނަމަވެސް ޕީއެންސީގެ ޓިކެޓުގައި ރައީސް މުއިއްޒު ވަލިޔުއްލްއަމްރުކަމަށް ހޮވުމުން ދެން ދަތުރުގެ މިސްރާބު ސިޔާސީ ގޮތުން ފެށީ ސިސްޓަރ ޕާޓީގެ ޒިންދާގީ ދުއްވާލަން ކަމަށް ފެންނަމުންދާ މަންޒަރުތަކުން ހާމަވިއެވެ.
އެގޮތުން ފާއިތުވެ ދިޔަ ފަސް އަހަރު ނުހަނު ވަރުގަދައަށް ސިޔާސީ މަސައްކަތް ކުރަމުން އައި ޕީޕީއެމް ފުލީ ފަންކަންޝަން ކުރުން މަޑު ޖައްސުވާ ހުރިހާ ދިމާއަކުން ވެސް ޕީއެންސީގެ ނަން ގެންނަން ފެށިއެވެ. މަޖިލީސް އިންތިހާބުގައިވެސް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ފުރުސަތު ނުދީ، މަޖިލީހުގައި ވާދަކުރަން ޝައުގުވެރިވާނަމަ ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން އެންގިއެވެ. ނަތީޖާއަކަށްވީ ޕީޕީއެމްގެ އެންމެ މެމްބަރަކުވެސް އަދުގެ މަޖިލީހުގައި ނެތުމެވެ. އެއާއެކު ޕީޕީއެމްގެ މެމްބަރުންގެ ޙައްގުގައި ބަސް ބުނެލާނެ މައިކެއް ނެތުނެވެ.
ދެން ފެށީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ފިޔަވައްސެވެ. އެގޮތުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުންފުނިތަކުގެ ވެރިންނާ ބޮޑުންނާ މިނިސްޓަރުންނާ އަދި ސިޔާސީ މުވައްޒަފުންވެސް ހަފްތާ ބަންދުގައި މާލެތެރެއަށާ އަދި އަތޮޅު ތެރެއަށް ނެރެގެން ޕީއެންސީއަށް ފޯމު ފުރުވަން މެމްބަރޝިޕް ޑްރައިވް ކުރިއަށް ގެންދަން މަޖްބޫރުކުރިއެވެ.
ނަމަވެސް ވެރިކަމަށް އަހަރެއް ނުވަނީސް ސަރުކާރުން ކަންކަން ކުރަން ފެށި އުސޫލުތަކާ މެދު ރައްޔިތުން ހިތްހަމަ ނުޖެހި ޕާޓީއާ ގުޅެން ދެކޮޅު ހަދާ ލިބެމުންދިޔަ ތަރުހީބު ކުޑަކަން ހާމަވުމުން ދެން އަދުގެ ވެރިން ނިންމީ ކައރީ ޖެހިގެން އެންމެ އަތްގާތްކޮށްދޭން އޮތް ޕާޓީ ފުނޑާލުމަށެވެ.
އެގޮތުން ޕީޕީއެމް އުވާލުމުން ޕީއެންސީއަށް ވަންނާނެ މެމްބަރުން އިތުރުވާނެކަމުގެ ޕްރެޑިކްޝަނާ އެކު މިހާރު މަގު ކޮށާ ސާފުކުރަމުން ދަނީ ޕީޕީއެމް އުވާލުމަށްކަމަށް ސިޔާސީ މަސްރަހުން ހާމަވެއެވެ. ނަމަވެސް ސުވާލަކީ ޕީޕީއެމް އުވާލުމުން ވަކި މިހާރު ނުލިބޭ ތާއީދެއް ފަހުންވެސް ޕީއެންސީއަށް ލިބިދާނެ ބާއެވެ؟
ޕީއެންސީއަށް ތާއީދު ނުލިބުގެން އުޅެނީ ޕީޕީއެމް ވުޖޫދުގައި އޮވެގެން ނޫނެވެ. ޕީއެންސީއަށް ތާއީދު ނުލިބިގެން އުޅެނީ ވެރިކަމެއް ހަވާލުކުރުމުން އެންމެ 10 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޖެއްސި ހާލުންނެވެ. ރައްޔިތުން ބިކަކުރި ކުރުމުންނެވެ. ރައްޔިތުންނަށް ކުރި ތުރާލާ ޖެެއްސުމެވެ. ރައްޔިތުންގެ ޚާދިމުންކަން ހަނދާން ނައްތާލާ ވެރިން ރައްޔިތުންނަށްވީ ޚިޔާނާތުންނެވެ.
އެހެންކަމުން ޕީޕީއެމް ފުނޑާލާ ޖަނާޒާ ބޭއްވިޔަސް ޕީއެންސީއަށް ވަކި ލިބޭނެ އިތުރު ތާއީދެއް އޮންނާނެހެން ހީނުވެއެވެ. އަދި ޕީއެންސީއަށް ވަނުމަށް ރައްޔިތުން ދެކޮޅު ހެދުމަކީ ޕީޕީއެމް އުވާލަން ޖެހޭ ސަބަބެއްވެސް ނޫނެވެ.
ރައްޔިތުންގެ ލޯތްބާ އިހުތިރާމު އަދި އިތުބާރު ހޯދާނީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިން ހަމަޖައްސާދީގެންނެވެ. ރައްޔިތުންނަށް ޚިޔާނާތްތެރިނުވެ ރައްޔިތުން ހަވާލުކުރި ޒިންމާ އަމާނާތްތެރިކަމާ އެކު އަދާކޮށްގެންނެވެ. މިއީ ލައްކަ ވާހަކައެވެ.
އެހެންކަމުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ރައީސް މުއިއްޒުއަށާ ޕީއެންސީއަށް ވެސް ރައްޔިތުންގެ ލޯބި ގަދަބަދަވިކަމުން ނުހޯދޭނެއެވެ.