ޕީޕީއެމްގެ ޖަނާޒާ ބާއްވަން ގޮސް ރައީސް މުހައްމަދު މުއިއްޒު އިށީންނާނީ އެމަނިކުފާނުގެ އަމިއްލަ ޖަނާޒާގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޕީއެންސީގެ ވެރިކަމުގެ މިހާ ހިސާބަށް އާދެވުނު އިރު، ރައީސް މުއިއްޒުއާއި މި ސަރުކާރުން ދޮގު ހެދީ ޕީޕީއެމްގެ އާންމު މެންބަރުންނަށް އެކަންޏެއް ނޫން ކަމަށެވެ. އަދި މިއަދުގެ ހަގީގަތަކީ ސަރުކާރުގެ ވެރިންގެ ތެރޭގައިވެސް ކަންކަން ގޮސްފައި އޮތީ އެއް ބަޔަކު އަނެއް ބަޔަކަށް ދޮގު ހެދުމާއި އޮޅުވާލުމުގެ ތެރެއިން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމުގެ މުއްސަނދިކަން ރައީސް މުއިއްޒުއަށްވުރެ ކުޑައެއް ނޫން ކަމަށެވެ. އަދި އަބްދުއްރަހީމް 'ކަލެކްޓް' ކުރާ މިންވަރު މުއިއްޒުއަށްވުރެ މަދުކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައާ މަޖިލިސް ތެރޭގައިވެސް ބާރު އޮތީ އަދުރޭގެ ކަމަށާ އެއީ ގިނަ މީހުން ތިބި އަދުރޭ ފަޅިގައި ކަމަސް ވުމުން ކަމަށާ އެހެންކަމުން އާޚިރުކަން ކަން ނިމިގެން ދާއިރު ޕީއެންސީ، ރައީސް މުއިއްޒު އަތުގައިވެސް އޮވެދާނެ ކަމާ މެދު ޑރ. ޖަމީލު ސުވާލު އުފެއްދެވިއެވެ.
ހަމައެހެންމެ ރައީސް މުއިއްޒު ޕީޕީއެމް އުވާލަން ނުވަތަ ބާތިލްކޮށްލަން ނުވަތަ ޕީޕީއެމްގެ ޖަނާޒާ ބާއްވަން މަސައްކަތްކުރަމުންދާ ދިއުމަށް ނަޒަރު ހިންގަވާލައްވާ ޑރ. ޖަމީލު ވިދާޅުވީ އެކަންވެސް ނިމޭއިރުގައި ރައީސް މުއިއްޒު އަމިއްލަ ޖަނާޒާގައި ގޮސް ބައިވެރިވާނެ ކަމަށެވެ.
އަބްދުއްރަހީމް މާގިނައިން އެބަ ކަލެކްޓްކުރޭ. އަބްދުއްރަހީމްގެ މީހާ އެމްޕީއެލްގައި ހުރީ. އޭނަ މާގިނައިން އެބަނަގާ. އަބްދުއްރަހީމްގެ މީހާ އެއަރޕޯޓުގައި ހުރީ. އޭނާ މާގިނައިން އެބަނަގާ. އަޅުގަނޑަށް އިނގޭ ރާއްޖޭގެ އާބާދީ ބޮޑު ތަންތަގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބީ އަބްދުއްރަހީމާ އެކީގައިކަން. އަޅުގަނޑަށް އިނގޭ އައްޑޫ ޝާޑް ހުރީ އަބްދުއްރަހީމާ އެކީގައި. އަޅުގަނޑަށް އިނގޭ ފުވައްމުލަކު ފަޒާދު ހުރީ އަބްދުއްރަހީމާ އެކީގައި. ހޯރަފުށީ އަޑުގަދަމީހާ ހުރީ އަބްދުއްރަހީމާއެކީގައި. މުހައްމަދު އިސްމާއިލް ހުރީ އަބްދުއްރަހީމާ އެކީގައި. އެހެންވީމާ މިއަދުގެ ހަގީގަތަކީ އާހިރުގައި ކަން ނިމޭއިރުގައި މުއިއްޒު އަތުގައިވެސް މި ޕާޓީ ނޯންނާނެ.
ޑރ ޖަމީލު އިތުރަށް ވިދާޅުވީ، މިއި އޮޅުވާލުމެއްގެ ތެރެއިން އައި ސަރުކާރެއްކަމަށާ އެހެންކަމުން އެ އެއްޗަކުން އެއް އެއްޗެއްގައިި ހުރި ދިޔައެއް ކަމަށެވެ.