ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމެވި އިރު އަދިވެސް ސަރުކާރުން ލަފާ ހޯދަނީކަމަށް ބުނެފިއެވެ.
މި ނޫހުގެ ފަރާތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ ކުރި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައިނުވެއެވެ.
ޔޫކޭއިން މޯރިޝަސް އަށް ޗާގޯސް ދޭން ނިންމިކަމުގައި ސަރުކާރުން ބަހެއް ބުނެފައިނުވާއިރު އެ މައްސަލައިގައި އަދިވެސް އިޓްލޮސްގައި އިސްތިއުނާފް ކުރާނެތޯ އެހުމުން އުޝާމް ވަނީ އެކަމަށް ބަހެއް ބުނެފައިނުވާ ސަބަބު ހާމަނުކޮށް އަދިވެސް އެ މަސައްކަތް ކުރުމަށް ބޭރުގެ މާހިރުންގެ ލަފާ ހޯދަމުންދާކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެން އެ މަސައްކަތްތައް އަދިވެސް ކުރިޔަށް އެބަ ގެންދަން. އެހެންނަމަވެސް ތި ވިދާޅުވިހެން އޭގަ ޑިވެލޮޕްމެންޓެއް އެބައުޅޭ މިހާރު. ޑިވެލޮޕްމެންޓާ ގުޅިގެން މިކަމުގައި އަޅުގަނޑުމެންނަށް ލަފާދޭ އެހެން އިންޓަނޭޝަނަލް އެކްސްޕާޓްސްގެ އޮޕީނިއަނެއް މިހާރު ހޯދަނީ.
މިކަމަކީ އިންޓަނޭޝަނަލް އެކްސްޕާޓްސްގެ ލަފާ ހޯދައިގެން ކުރެވެން އޮތްކަމެއް ކަމަށް އުޝާމް ވަނީ މިއަދުވެސް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މި ވެރިކަން ފެށިގެން 11 މަސްވެގެންދިޔަ އިރު އަދިވެސް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ކުރާ މަންޒަރު ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.