2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑަނައަކަށް ހެދީ ރާއްޖޭގެ ނޫސްވެރިންނެވެ. ނޫސްވެރިން ގޮވައިގެން ރާއްޖޭގެ ރަށްރަށަށް ގޮސް އަމިއްލަ މީހާ ޕްރޮމޯޓް ކުރިއެވެ. އޭގެ ފަހުން ވެރިކަމަށް ހޮވިވަޑައިގެން އިންތިޚާބީ ރައީސްގެ ގޮތުގަައި ހުންނަވާ 2023 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި "ނޫސްވެރިންގެ ގުންޒަރެއް" ބޭއްވެވިއެވެ.
އެދުވަހު ނޫސްވެރިންނަށް ދެއްކެވި ހުވަފެންތަކުގެ މަތިން ރައީސް މުއިއްޒު ހަނދުމަފުޅެއް ނުހުންނާނެކަން ޔަގީނެވެ. ނޫސްވެރިންނަށް ކޮށްދެއްވާނެކަން އެ ދުވަހު ފާހަގަކުރެއްވި ނަމަވެސް މިއަދު އެކަންކަން ކުރާކަަށް ނުވިސްނައެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އިރު އަދިވެސް އެ ވާހަކައެއް މަޖިލީހުގައި ނުދައްކައެވެ. ސިއްރުކުރުމެއް ވަންހަނާ ކުރުމެއް ނޯންނާނެކަމަށް ވިދާޅުވި ނަމަވެސް އެކަން ނޫންކަމެއް ނެތެވެ. އާރްޓީއައި ލާން ނުޖެހޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އާރްޓީއައި ލާންޖެހުނެވެ. އާރްޓީއައި ލައިގެން ވެސް އެނގެން ބޭނުންވާ ކަންކަމެއް ނޭނގެއެވެ. ފުރަތަމަކަމަކަށް މި ސަރުކާރުން ނޫސްވެރިންނަަށް މިނިވަންކަން ދޭހެއްޔެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަނޑަކަށް އެ މިނިވަންކަމެއް ނުލިބެއެވެ.
ނޫސްވެރިކަން ކުރުން މި ސަރުކާރުގައި އިންތިހާޔަށް މިވަނީ ދަތިވެފައެވެ. ސަބަބުތައް ބައިވަރެވެ. ވެރިކަމަށް އައުމަށްފަހު ރައީސް އޮފީހަށް ތަރުޖަމާނެއް އައްޔަން ނުކޮށް ވެސް ނޫސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިކުރުވިއެވެ. އޭގެފަހުން އައްޔަންކުރެއްވި މުހައްމަދު ޝަހީބުގެ ސަބަބުން ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިން ދާން ފޫހިވިއެވެ. ޝަހީބުގެ ފަރާތުން އެދެވޭ ޖަވާބެއް އެެއްވެސް ނޫސްވެރިޔަކަށް ނުލިބެއެވެ. އެކަމުގެ ޝަކުވާތައް ގިނަވުމުގެ ސަބަބުން ޝަހީބުގެ މަގާމް ބަދަލުކޮށް އެތައް މަހެއް ވަންދެން ތަރުޖަމާނުގެ މަގާމް ހުސްކޮށް ބޭއްވިއެވެ. ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާކުރަމުން ދިޔައިރު ސަރުކާރުގެ އެއްވެސް ކަމެއްހެން ހާމައެއްނުވެއެވެ.
ކަންކަން މިހެންދަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އައްޔަންކުރެއްވިއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ހީނާއަކީ ވިދާލެވޭ މޮޅު ނޫސްވެރިއެއްކަމުން، ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެކަމަށް އުންމީދުކުރެވުނެވެ. ނަމަވެސް ކަންވެގެން މިދިޔައީ ހީކުރި ގޮތާ މުޅީން ވެސް ހިލާފަށެވެ. ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގަޔާއި ވަކިން ހީނާއާ ކުރާ ސުވާލުތަކަށް ވެސް ޖަވާބެއް ނުލިބެއެވެ.
ފާޑުކިޔުންތަކަށް މަރުޚަބާ ކިޔާނެކަމަށް ވިދާޅުވެ ފޮނި ކެނޑި ވެރިޔާގެ ވެރިކަމަށް މަހެއް ނުވެ ނޫސްތަކަށް ފިޔަވަޅު އަޅަން ފެށިއެވެ. ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ ހަލީލް ވިދާޅުވީ އެއްވެސް މީިޑިޔާއެއް ބްލެކް ލިސްޓެއް ނުކުރާނެކަމަށެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ސަރުކާރު ޖަވަބުދާރީ ކުރުވާ ނޫސްތައް ބްލެކް ލިސްޓްކޮށްގެން އުޅޭ މަންޒަރެވެ.
ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ރައްޔިތުންނާ ހަމަޔަށް ތިލަ ކުރާ ނޫހަށާ، އެ ޚަބަރެއް ނުވަތަ ރިޕޯޓެއް ޝާއިއުކުރި ނޫސްވެރިޔާއަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ނުކުރާކަމެއް ނެތީއެވެ. މިހާރުވެސް އުޅެނީ ހަމަ މީޑިޔާތަކަށް ފިޔަވަޅު ނޭޅިގެންނެވެ. ރައީސް އޮފީހުން މަޖިލީހަށް މީޑިޔާތަކުގެ މައްސަލަ ބަލަން ފޮނުވާފައިވާ ސިޓީގައި ވާގޮތުން އެކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އަގުވައްޓާލާތީއެވެ. މާތްކަލާކޯ، މީގެ ކުރީގެ ރައީސުންނަށް ވެސް ފާޑުކިޔާފަ ޚަބަރު ޝާއިއުކޮށްފައިވެއެވެ. ރައީސް މުއިއްޒު އުޅުއްވާ ފާޑަކަށް ނޫޅެއެވެ.
ނޫސްވެރިންނަށް މާ ހެޔޮއެދޭ ވެރިއެއްކަމަށް ވިދާޅުވިއިރު، ވެރިކަމަށް އަހަރެއް ވަނީއެވެ. ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވީ އެންމެ ފަހަރަކުއެވެ. އެ ދުވަހުވެސް ހެއްދެވީ އިތުރުފުޅެވެ. އޭގެއިތުރުން މި ސަރުކާރުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ވަރަށް ވެސް ހެއްވާ ގޮތެއްގައި ކުރިޔަށް ގެންދާ ބައްދަލުވުންތަކެކެވެ. މި މީހުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާ ނިންމާލީމާ އެ ދެން ނިމުނީއެވެ. ނޫސްވެރިން ކުރާ ސުވާލަށް ސީދާ ޖަވާބެއް ނުދެވެއެވެ. ދެން އެހެންވީމާ އަޅުގަނޑު ހިތައްއަރާ ކީއްކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއޭވެސްއެވެ. މި މީހުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާފަ ރިކޯޑް ކޮށްފައި ޕަބްލިޝްކުރީމަވީނު ހެއްޔެވެ.
މި ވެރިޔާ ނޫސްވެރިންގެ ބޭނުންކޮށްލީއެވެ. ވެރިކަމަށް އައުމަށް ޕްރޮމޯޓްވާންވެގެން ދޮގުތަކެއް ހެދީ ހަަމައެކަނި ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ނޫސްވެރިންނަށް ވެސް މިނިވަންކަން ދޭނަމޭ ކިޔާފައި މި ހެދީ ދޮގެވެ.
ދެން އަޅުގަނޑުގެ މި ރިޕޯޓް ފެނިގެން، މި ނޫހަށާ އަޅުގަނޑަށް ފިޔަވަޅު ނާޅާފިއްޔާ ރަނގަޅެވެ.