ޑޮަލަރު / ސޯޝަލް މީޑިއާ
ވިޔަފާރި
ކަޅު ބާޒާރުގައި އަގު އުފުލި، ޑޮލަރުގެ އަގު 19ރ. އަށް އަރައިފި
Aishath Naja
އައިޝަތު ނަޖާ
21 އޮކްޓޯބަރު 2024
މާލެ ސިޓީ

ރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 19ރ އަށް އަރައިފި އެވެ.

މީގެ ކުރިން އެވްރެޖްކޮށް ޑޮލަރުގެ އަގު ހުރީ 18.20 ރުފިޔާއާއި 18.30 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގު ހުރީ 19.50 ރުފިޔާއާއި 19.70 ރުފިޔާއާ ދެމެދުގައެވެ.

މި އަހަރު ފެށުނުއިރުވެސް ޑޮލަރުގެ އަގު އުޅުނީ 18 ރުފިޔާއިން މަތީގައެވެ. ނަމަވެސް އޭގެފަހުން އަގު ދަށަށް ގޮސް، އަލުން ވަނީ މަތިވެފައެވެ.

އިގްތިސޯދީ ތަރައްގާއާއި ވިޔަފާރީގެ ވަޒީރު މުހައްމަދު ސައީދު ވަނީ ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން 3-4 މަސްދުވަހުގެ ތެރޭގައި މަސައްކަތްކުރާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. ނަމަވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުގެނެވި ސަރުކާރަށް އަހަރެއް ވަނީ އެވެ.

ރާއްޖޭގައި ރަސްމީ ބޭންކު ރޭޓުގައި ޑޮލަރުގެ އަގު ހުންނަނީ 15.42 ރުފިޔާގައެވެ. ނަމަވެސް ވިޔަފާރި ބޭންކުތަކުން ދުވާލަކަށް ޑޮލަރު ވިއްކާ އަދަދަށް ލިމިޓް ކަނޑައަޅާފައިވެއެވެ.

ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގުތަކަށްވެސް ވަނީ އޭގެ އަސަރު ކޮށްފައެވެ. އަދި އިންފްލޭޝަން ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުންނެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާ ޑޮލަރުގެ އަގު ކޮންޓްރޯލުކުރާނެ ކަމަށް ވިދާޅުވެފައެވެ. މިކަން ސަރުކާރުން ނުކުރާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved