އިހަކަށް ދުވަހު އަޑު އިވުނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް ވެސް ބޮޑަށް ކަމަކާ ކަންބޮޑުވެ، އެކަމަކާ ދެކޮޅަށް ބޮޑު ނިންމެވުމެއް ނިންމެވި އަޑެވެ. އާދެ، ދައްކަން މިއުޅެނީ ވޭޕް މަނާކުރަން ރައީސް މުއިއްޒު ނިންމެވުމުން އެ ވާހަކައެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ވޭޕާއި، ވޭޕާގުޅުން ހުރި ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކުރުމަކީ ވަރަށް ވެސް ރަނގަޅު ކަމެކެވެ. އެކަމަށް އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް ގޯހަކީ ވޭޕަށްވުުރެ ގެއްލުން ބޮޑު ނުރައްކާތެރި ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާނުކުރުމެވެ. މިހާ ހިސާބުން ސުވާލު އުފެދުނީ، ހަގީގަތުގައި ސިނގިރޭޓު މަނާ ނުކުރީ ކީއްވެބާއެވެ.
ދުންފަތާއި ސިނގިރޭޓުން އިންސާނާގެ ފުއްޕާމޭ ހަލާކޮށްލާ އެތައް ބާވަތެއްގެ ކެންސަރު ޖެހެއެވެ. މި ކުޑަ ކުޑަ މުޖްތަމައުގައި ވެސް ސިނގިރޭޓު ބުއިމުގެ ސަބަބުން އެކަމުގެ އަސަރުކޮށްފައިވާ އެތައް ފަރާތެއް ވޭނާއި ކެކުޅުމުގައި އުޅެއެވެ. ލިބޭ ކުޑަ ކުޑަ އާމްދަނީގެ ބޮޑުބައި ދުންފަތަށް ހޭދަކޮށް އަންދާ އަޅިއަށް ހަދާލައެވެ. ހުރިހާ ގޮތަކުންވެސް ވޭޕަށްވުރެ ގެއްލުމާ ހަލާކު ބޮޑު އެއްޗަކީ ދުންފަތުގެ ބާވަތްތައްކަން އެއީ ހުރިހާ އެންމެނަށް ވެސް އެނގޭކަމެކެވެ.
ހާއްސަކޮށް ދަންނަވާނަމަ، ސިނގިރޭޓެވެ. އޭގެއިތުރުން ކޫލް ވާން ވެގެން ބޯ ޝީޝާއަކީ ވެސް އެފަދަ ދެވަނައެއް ނެތް ގެއްލުން ދޭ ބާވަތުގެ އެއްޗެކެވެ. އެހެންނަމަވެސް ޝީޝާވެސް ހުއްދައެވެ. ޝީޝާ މަނާ ނުކުރި ސަބަބު ކޮންމެވެސް ވަރަކަށް އަންދާޒާކޮށްލެވެއެވެ. މި ސަރުކާރުގެ ގިނަ ޑެޕިޔުޓީ މިނިސްޓަރުން ޝީޝާބޯތީއޭ ކިޔާ އަޑުވެސް ވަނީ ރަށުތެރޭ ފެތުރުފައެވެ.
ސިނގިރޭޓު މަނާނުކޮށް ވޭޕް މަނާކުރި އިރު، ސިނގިރޭޓުންވާ ގެއްލުން ބޮޑުކަމުން ގިނަ މީހުން ކުރަނީ ވޭޕެވެ. މިކަން މިހެން އޮތްއިރު ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް މަނާނުކޮށް ވޭޕް މަނާކުރުމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ކަމެއް ފޮރުވިފައިވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ޒުވާން އާބާދީގެ ބޮޑުބައެއް ސިނގިރޭޓަށް ނުގޮސް ވޭޕް ބޭނުންކުރުމުން ސިނގިރޭޓްގެ ވިޔަފާރި ދަށްވުން ސަބަބަކަށްވުން ގާތެވެ. އެގޮތައް ކަންތައް ކުރުމުން ވޭޕް ކުރާ ފަރާތްތަކުން ސިނގިރޭޓް ގަނެގެން ބޯން ފަށާނެތާއެވެ.
މީގެ އެއް ސަބަބަކީ ޓެކުހާއި ޑިއުޓީ ބޮޑުކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. ދުންފަތާއި ސިނގިރެޓް މަނާކޮށްފިނަމަ ކޮންމެ އަހަރަކު ސަރުކާރަށް ދުންފަތުން ޓެކުހާއި ޑިއުޓީ ގޮތުގައި ލިބެމުންދާ އެތައް މިލިޔަނެއްގެ އާމްދަނީ އެކީ އެކައްޗަކަށް ހުއްޓިދާނެތީ އެކަން ކުރަން ޖެހިލުންވީއެވެ. ކަން މިހެން ހުރުމުން ސިއްހީގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ދުންފަތް ރާއްޖެއަކު މަނައެއް ނުކުރާނެއެވެ. އެހެން ކަމުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ވެސް ސަރުކާރުން މި ބަލަނީ ރައްޔިތުންނަށް އޮޅުވާލެވޭތޯއެވެ.
ވޭޕް މަނާކޮށްފައި ސިނގިރޭޓްގެ އަގު ބޮޑު ކުރިޔަސް ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން އެތައްބަޔަކު ސިނގިރޭޓު ބޯން ފަށާނެއެވެ. އޭރުން އެމީހުންގެ ސިއްހަތައް ވާނެ އެއްްޗެއް ވިޔަސް ހެޔޮތޯއެވެ.