މިދިޔަ ފަސް އަހަރު ގައުމިއްޔަތުގެ ޓެގް އެޅުވި މީހުންގެ ފަރާތުން އެކަމާ ގާތްކުރާވަރުގެ ނިޔަތެއްވެސް މިހާރު ނުފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނި ހޯމަ ދުވަހެރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ގައުމުގެ ހަލާތަށް ނަޒަރު ހިންގަވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނިމި ދިޔަ ފަސް އަހަރު އޭރުގެ ސަރުކާރުން ގައުމަށް ޣައްދާރުވެފައިވާ ކަމަށާ ގައުމުގެ ހަރު މުދާ ވިއްކާމުންދާކަމަށް ބުނެ އެގްރިމަންޓުތައް ހާމަކުރުމަށް ގޮވާލާ، ގައުމިއްޔަތުވަންތަ ކަމުގެ ޓެގް ޖެހި ޕީއެންސީ މީހުންގެ ކިބައިން މިހާރު އެ މީހުން ދައުވާކުރި ގައުމިއްޔަތުވަންތަކަން ނުފެންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެމީހުންގެ ނިޔަތާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ޕީއެންސީގެ މެޖޯރިޓީ އޮވެ މަޖިލީހުގައި އެ އެއްބަސްވުންތައް ހާމަނުކުރުވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޔޫޓީއެފްގެ އެއްބަސްވުން އިހުނަށް ވުރެ ވަރުގަދަކޮށްފައިވީ ނަމަވެސް މަޖލީހުގެ މެމްބަރުންނަށް ދެމުންދާ ރިޝްވަތާއެކު އެ އެއްބަސްވުންތަކުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ނުދައްކާނެ ކަމަށެވެ.
އުތުރު ތިލަފަޅު އެގްރީމެންޓް އެއޮތީ ކުރިއަށްވުރެ ވަރުގަދަކޮށްފައި. މަޖިލީހުގެ މެންބަރުންނަށް ދޭ ރިޝްވަތާއެކު މި އެގްރީމެންޓުގެ ވާހަކަ މަޖިލީހުގެ ތެރެއިން ނުދައްކާނެ. މި ހިންގަނީ ބޮޑު ޖަރީމާ. ދިދައިގެ ހުރުމަތަށް ކަންފުޅެއްވެސް ނެތި ކުރާ ކަންތައް ކުރަނީ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންގޮސް، ބާއްވާފައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސައިގެ އެއްވެސް މަސައްކަތެއް، އިތުރު ބައްދަލުވުމެއް ވެސް ކުރިއަށް ނުގެންގޮސް ބާއްވާފައި އޮތީ، ސަރުކާރުގެ އެންމެ މަތިންނާއި ޕާޓީގެ ލީޑަޝިޕުން އެ މައްސަލަތައް ކުރިއަށް ނުގެންދަން އިރުޝާދު ދީފައި އޮތުމުންނެވެ.