އަހަރަށް ކަނޑައެޅި ބަޖެޓު އަަހރު ހުސްވެސް ނުވަނީސް ހުސްވުމަކީ ސަރުކާރުން ގޮތް ނޭނގޭ ގޮތަށް ފައިސާ ހޭދަކުރިކަމުގެ ހެއްކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ހާމަކޮށްފައިވަނީ ދައުލަތުގެ ބޮޑު ބަޖެޓު އަހަރު ނުނިމެނީސް ހުސްވުމާ ގުޅިގެން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ މެދު "ތޭރަ އޮންލައިން"ގެ ފަރާތުން އެދުމުން ލިޔުމުން އެރުވި ޖަވާބުގައެވެ.
ޑރ. ޖަމީލު ވިދާޅުވީ، ސަރުކާރު ޚަރަދު ކުރެވޭނީ މައިގަޑު ދެ ގޮތަކަށް ކަމަށެވެ. އެއީ ޕީއެސްއައިޕީ ނުވަތަ ޕަބްލިކު ސެކްޓަރ އިންވެސްޓްމަންޓު އުސޫލުންނާ އަދި ސަރުކާރު މުވައްޒަފުންގެ މުސާރައަށް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި މަޝްރޫއެއް ހިންގުމުގެ ނިޔަތުގައި ވެސް އަދި ނޫނަސް ސިމެންތި ގަލެއް ވެސް ބާއްވާލާ އިސްކުރެއް ހާ މިންވަރުވެސް ޖަހާފައި ނުވާކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، އެހެންކަމުން ޕީއެސްއައިޕީއަށް ސަރުކާރުން މި ފާއިތުވާ އެއް އަހަރު ތެރޭގައި އެއްވެސް ކަރަދެއް ނުކުރާކަން ހާމަވާ ކަމަށެވެ.
ހަމައެހެންމެ 50 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭކާރު ގޮތުގައި ޚަރަދުކޮށްފައިވަނީ ސިޔާސީ ނާޗަރަންގީއަށް ކަމަށާ އެކަން ވެސް ދެގޮތަކަށް ކުރި ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ބުރަކޮށް އުޅުނު މީހުން އެއްފަރާތްކޮށް އެތަން މިތަނުގައި ތިބި މީހުން ގެނެސް މަގާމުތަކަށް އައްޔަންކޮށް ފުރާލިކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ތަފްސީލުވެސް ނުދީ މައުލޫމާތު ހާމަކޮށްފައިނުވާތީ ޑރ ޖަމީލު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ދެން އަމަލުކުރި ގޮތަކީ ސަރުކާރު ބަޖެޓު މެއިންޓެނެންސް އަދި ރިކަރަންޓު ޚަރަދުތައް ފްރޯޑް ބިލުތައް ހަދައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ފަންޑުކުރަން ފައިސާ ނެގުން ކަމަށްވެސް ޑރ. ޖަމީލު ތުހުމަތުކުރައްވާފައިވެއެވެ. އަދި އެކަމުގެ ހެއްކަކީ ޕީއެންސީއިން ކުރާ ޚަރަދުތައް ކަމަށާ އަދި އެތައް ފްލޯއެއް ހިމެނޭ އޮފިސްތަކާ އަދި ޓީވީ ސްޓޭޝަންސްތަކާ ރައީސް މުއިއްޒު ޕްރޮމޯޓުކުރަން ސޯޝަލް މީޑީޔާއަށް ކުރާ ޚަރަދުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ އެހެންކަމުން ދައުލަތުގެ ބަޖެޓު ހުސްވީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދީގެން ނޫން ކަމަށާ ރައީސް މުއިއްޒު އުޅުއްވަނީ ސިޔާސީ އީދެއް އައިސްގެން އުޅޭ ގޮތަކަށް ކަމަށެވެ. އަދި ރައީސް މުއިއްޒު އުޅުއްވަނީ ހިލޭ ކުޅެން ކާނިވަލަކުން ފުރުސަތު ލިބިގެން އުޅޭހެން ކަމަށްވެސް ވިދާޅުވެ ޑރ. ޖަމީލުވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.