ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި މުހައްމަދު ތޮލާލު އޭނާގެ މަގާމުގެ ޝަރުތުތަކާ ޚިލާފުވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމްގެ) ސިޔާސީ މަސައްކަތް ކުރާތީ ކުރި ސުވާލަށް އެ ޕާޓީއަށް ދޭނެ ޖަވާބެއް ނެތްކަން ހާމަވެއްޖެ އެވެ.
ދާދި ފަހުން ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގެ ދައުވަތު ހުރިހާ ސެނެޓަރުންނަށް ތޮލާލު ފޮނުވީ ކީއްވެގެންތޯ "ތޭރަ އޮންލައިން" އިން ކުރި ސުވާލަށް ޕީޕީއެމްގެ ރެޖިސްޓަރާރް އަހުމަދު ހަމްދާން ނާސިރަށް ވަނީ ޖަވާބު ނުދެވިފައެވެ.
އެ ސުވާލުގެ ޖަވާބުގައި ހަމްދާން ވިދާޅުވީ "ތި ސުވާލަށް ދޭނެ ޖަވާބެއް މިވަގުތު ނެތް" ކަމަށެވެ. ތޮލާލް މަގާމުގެ ޝަރުތުތަކަކާ ހިލާފަށް ޕީޕީއެމްގެ މީޑިޔާ ގްރޫޕްގައި އިންނަވަނީ ކީއްވެތޯ ކުރި ސުވާލުގައި ވެސް ހަމްދާން ވިދާޅުވީ ގްރޫޕުން އޭނާ ބޭރުކުރުމުގެ މަސައެްކަތުގައި "އަދި ނޫޅެވޭ" ކަމަށެވެ.
ތޮލާލަކި ސްޕޯޓްސް ކޮމިޝަނަރަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސެވުމުގެ ކުރިން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލުގެ މަގާމު ފުރަމުން ދިޔަ ބޭފުޅެކެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔާން ކުރައްވާ އެއްވެސް ބޭފުޅަކީ ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް ވެގެން ނުވާނެކަން ބަޔާންކޮށްފައިވުމުން ޕީޕީއެމުން ކުރިން ބުނެފައިވަނީ އެ މަގާމާ ހަވާލުވުމުގެ ކުރިން ތޮލާލު ވަނީ ޕީޕީއެމްގެ އެސްޖީކަމުންނާ ޕީޕީއެމްގެ މެމްބަރުކަމުންވެސް އިސްތިއުފާދީފައި ކަމަށެވެ.
ޕީޕީއެމުން މިފަދައިން ހާމަކުރި ނަމަވެސް ތޮލާލު ގެންދިޔައީ މި ސަރުކާރު އައިސްވެސް ޕީޕީއެމްގެ ހަރަކާތްތައް ހުއްޓެން ދެން ޕީޕީއެމްގެ ކަންކަމުގައި ހަރަކާތްތެރިވަމުންކަން ޕީޕީއެމް މީޑިޔާ ގްރޫޕުން ވެސް ފެންނަން އެބައޮތެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ތޮލާލު ކުރިން ވިދާޅުވެފައިވަނީ ޕާޓީ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް ފަހު ކުއްލިއަކަށް ޕާޓީއިން ވަކިވުމާ އެކު ހޭންޑްއޮވަރއަށް ވަގުތުކޮޅެއް ބޭނުންވާތީ ގްރޫޕުތަކުގައި އަދި އިނީ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ އިތުރު އެއްވެސް ކަމެއްގައި ނޫޅޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ތޮލާލު މިފަދައިން ވިދާޅުވެފައިވާ ނަމަވެސް އެނާ ގެންދަނީ ސިއްރުން ޕީޕީއެމްގެ ސިޔާސީ މަސައްކަތްކުރަމުން ކަން ވަނީ ހާމަވެފައެވެ. އަދި ތޮލާލުގެ އިސްތިއުފާއަށް އަހަރެއް ވެގެން ދިޔައިރުވެސް ޕާޓީގެ ކަންކަން "ހޭންޑް އޯވަރ" ނުކުރެވެނީތޯވެސް ސުވާލު އުފުދެއެވެ.