ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ގާނޫނު ދަމަހައްޓާ ކަމަށްވަންޏާ އީސީއަށް އެނގެންވާނެ ސެނެޓުން ނިންމާ ނިންމުމަށް ޕާޓީ އުވާނުލެވޭނެކަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
30 ޖެނުއަރީ 2025
މާލެ ސިޓީ

ގާނޫނު ދަމަހައްޓާ ކަމަށްވަންޏާ، ސެނެޓުން ނިންމާ ނިންމުމަކަށް ޕާޓީއެއް އުވާނުލެވޭނެކަން އިލެކްޝަން ކޮމިޝަން (އީސީ)އަށް އެނގެންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަސްމީކޮށް އުވާލާ ސިޔާސީ ޕާޓިތަކުގެ ދަފްތަރުން އުނިކޮށްފައިވާ ވުމަށް އިޝާރާތްކުރައްވާ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޕާޓީއެއް އުފައްދަނީ އެތައް ބައެއްގެ މަސައްކަތުން އެތައް ބަޔަކު ޕާޓީއަށް ސޮއިކޮށްގެން ކަމަށާ އެހެންކަމުން ޕާޓީ އުވާލުމުގައި ވެސް އެ ޕާޓީއެއްގެ މެމްބަރުންގެ ބަސް އޮންނަން ވާނެ ކަމަށެވެ.

ނަމަވެސް ޕީޕީއެމް އުވާލުމަށް ރައީސް މުހައްމަދު މުއިއްޒުގެ ރޭވުމުގެ ތެރެއިން ވަނީ ޕީޕިއެމްއިން އަސާސީ ގަވާއިދުވެސް ބަދަލުކޮށް އެކަމަށް މަގު ފަހިކޮށްފައި ކަމަށާ އެއީ ވެގެންވާނެ ގޮތެއް ނޫން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ޕާޓީގެ ސެނެޓުން އިސްލާހު ގެނެސްފައިވީ ނަމަވެސް އެއީ ޕާޓީގެ ސެނެޓަށް ކޮންގްރެސްއިން ދީފައި އޮތް ބާރެއް ނޫން. ޕާޓިއަކީ އެތައް ބައެއްގެ އެއްޗެއް. ސެނެޓަކީ ރަމްޒީ ބައެއް. ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ތަމްސީލުކޮށް ރައްޔިތުންގެ ފަރާތުން ގާނޫނުތައް ނަގަހައްޓާ ދަމަހައްޓަން ތިބޭ ރަމްޒީ ބައެއް މަޖިލިސް މެމްބަރުންނަކީ. ހަމަ އެ އުސޫލުން މި އޮންނަނީ ޕާޓީގެ އާންމު މެމްބަރުންނާ ސެނެޓާ ދޭތެރޭގައި. އިލެކްޝަންސް އިން އެ އޮތީ ފޯމަލީ ޕާޓި އުވާލާފައި. އަޅުގަޑުގެ ވާހަކައަކީ ގާނޫނު ދަމަހައްޓާ ކަމަށްވަންޏާ އިލެކްޝަނަށް އެނގޭނެ މީކީ ކުރެވޭނެކަމެއް ނޫންކަން. ޕާޓިގެ ސެނެޓަށް ކޮންގްރެސް އިން ދީފައި ނެތް ބާރެއް އެއީ

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޕީޕީއެމް އުވާލަން ނިންމީ ޕާޓީ މެމްބަރުންގެ ހައްގުތަކެއް ސެނެޓުން ވަގަށް ދަމައިގަނެގެން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved