ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް ކަނޑު ފެއްތުމުގެ މުލުގައި ހުރީ އެ ޕާޓީގެ ދެ ނައިބު ރައީސުން މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންފުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޣައްސާނާއި ޝިޔާމަކީ ޕީޕީއެމަށް ހިޔާނާތްތެރި ވި 2 ލީޑަރުންގެ ގޮތުގައި ސިފައިކޮށްފައެވެ. އެ ދެ ބޭފުޅުންނަށް މުހިންމީ އެ ދެ ބޭފުޅުން މިއަދު ފުރަމުން ގެންދަވާ މަގާމުތައްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މަގާމުތައް ފުރުއްވަން ކިހައި ދުވަހެއްވަންދެން ތިއްބެވޭނެކަމަށް ސުވާލު އުފައްދަވާފައިވެ އެވެ.
މިއަދު ޕީޕީއެމްގައި ދިރުމެއް ނެތްކަމަށް ވިދާޅުވެ، ޕީޕީއެމްގެ އޮޑި ކަނޑު ފެއްތީ ޝިޔާމާއި ޣައްސާންގެ ރުހުމާއި އެކު ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވި އެންމެ ބޮޑު އިދިކޮޅު ޕާޓީކަން ފާހަގަކޮށްލެވެ އެވެ.