މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެދާނެކަމަށް ބެލެވޭތީ ކަމަށް ބުނެ ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ ރައްޔިތުންނަސް ދައްކާލި ދަޅައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަހަރަށް ފާސްކުރި 50 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބޭރުން ކުރިއަށް އޮތް މަސްތަކުގައި ހަރަދުތަކެއް ކުރަންޖެހޭނެތީ ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު އެ ބަޖެޓުގައި ހުރީ މުޅިންވެސް އޮޅުވައިލުމާއި މަކަރު ހެދުން ކަމަށެވެ.
އޭގެތެރެއިން އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކުރެއްވީ ސަޕްލިމަންޓަރީ ބަޖެޓުގެ ބޮޑު ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކޮށްފައިވާއިރު ރަށްރަށުގައި މަޝްރޫއުތައް ނުހިނގާކަމެވެ.
އެގޮތުން ރައީސް ޔާމީނު ވިދާޅުވެފައިވަނީ މި އަހަރު ފާސްކުރި ރެކޯޑު ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ނުވަ ބިލިއަނެއްހައި ރުފިޔާ ހިމަނާފައިވާއިރު، އެ އަދަދާ ގާތްކުރާ މިންވަރަކަށް އަތޮޅު ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގިތަން ފެނިފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ތެރޭގައި ދެ ބިލިއަނެއްހައި ރުފިޔާ މަޝްރޫއުތައް ހިންގުމަށް ހަރަދުކުރާނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އެބަ އޮތް ނުވަ ބިލިއަނެއްހާ ރުފިޔާ ޖަހާފައި. އެ ފައިސާ ހަރަދުކުރާ ތަނެއް ނުފެނޭ ރަށްރަށަކުން. ދެން އެ ފައިސާ ހުސްވަނީ ކަމަށް ބަލާފައި އިތުރުކުރާ ދެ ބިލިއަން ރުފިޔާ. މި އޮތް ދެ މަހުން ދެ ބިލިއަން ރުފިޔާއެއް، އެ ވަރަކަށް ހަރަދުކުރާނެ ގޮތެއް ނުފެނޭ. މިއީކީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދޭން ހުށަހަޅާ ބަޖެޓެއް ނޫން. ބަޖެޓަކަށް އެދޭކަށް ގާނޫނީ އަދި އިގުތިސާދީ އެއްވެސް ސަބަބެއް ނެތް.
މީގެ އިތުރުން ދިމާވާ ކުއްލި ކަންކަމުގައި ބޭނުންކުރުމަށް ކޮންޓިންޖަންސީގެ ގޮތުގައި ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާއިރު ކުރިން ފާސްކުރި ބަޖެޓުގައި ކޮންޓިންޖެންސީގެ ގޮތުގައި ހިމެނި ފައިސާ ހަރަދުވި ގޮތެއް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.