އެއީ 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުގެ ރެއެވެ. ރައްޓެއްސަކާ އެކު ސަބްމެރިން އެއް ކާލުމުގެ ނިޔަތުގައި ގޮސް އިށީނީ އޭރު އާޓިފިޝަލް ބީޗުގައި ހުންނަ ޑައިންމޯރގައެވެ. އޯޑަރު ދީ އަދި ހިންދަމާ ނުލެވޭ ޖެހިގެން ހުރި އެމްޑީޕީ ހަރުގެއިން އަޑު ގަދަ ކުރާއިން ގޮވާލި އެއްޗަކުން ބޯންއިން ފޮދާ އެކު އެރި ކޮށި ނުވެސް ފިލިއެވެ.
އެމްޑީޕީ ހަރުގެއިން އަޑު ގަދަ ކުރާއިން އޭރުގެ ގަލޮޅުގެ މެމްބަރަކަށް ހުރި އަހުމަދު މަހްލޫފު ގޮވަމުން ގެންދިޔައީ ސުޕްރީމު ކޯޓުން އަމުރެއް ނެރުނު ވާހަކައާ އޭގައި އޮތީ އޭރު ޖަލު ބަންދުގައި ތިބި ސިޔާސީ ހައްޔާރީންކަމަށް އެ މީހުން ސިފަކުރަމުން ދިޔަ މީހުން ދޫކޮށްލުމަށް ކަމަށެވެ.
އެއާއެކު ވާނުވާ ބަލަން އޮފީހަށް ގުޅާލީމެވެ. އެބުނާ އަމުރުގެ ކޮޕީއެއްވެސް ލިބުނެވެ. އަސްތާ ލިބުނު ކޮޕީގައި އޮތް ސިޓީ ފުރިހަމަ ނުވެއެވެ.ތަތްގަޑެއް ސޮއެއް އެއްޗެއް ނެތެވެ.
އެހާ ހިސާބުން ސަބްމެރިން އަކާ ސަބްމެރިންއެއް ދޫކޮށްލުމަށް ފަހު މަސްރަހު ބަލާ ހޯދާ ވާނުވާ އޮޅުން ފިލުވަން ނުކުތީމެވެ. ގަޑިން 10:00 ގައި އިއުލާން ކުރި އެ އިއުލާނަކީ ނުތަނަވަސްކަން ގެނުވި ކަމެކެވެ.
ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅެއްގައި ގައުމުން ބޭރަށް ވަޑައިގަތުމަށް ނިންމަވާފައި އޮތް ވަގުތަށް ސުޕްރީމު ކޯޓު މެދުވެރިކުރަން އުޅުނީ ބަޣާވާތެއްކަން އެނގިގެން ދިޔައީ އޭގެ އިރުތަކެއް ފަހުންނެވެ.
އަމުރާއި ގުޅިގެން ރާއްޖެ ހަލަބޮލިވެފައިވަނިކޮށް ރައީސް ޔާމީން ނިންމެވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކޯޓުގެ އެ ކުއްލި ނިންމުން ތަހުގީގު ކުރުމަށެވެ. އަދި އެ މައްސަލާގައި ސުޕްރީމް ކޯޓުން އެ އަމުރު ނެރުނު ފަނޑިޔާރުންގެ މައްޗަށް ރިޝްވަތު ނެގިކަމުގެ ދައުވާ ސާބިތުވެ ހުކުމްކޮށް ޖަލަށްވެސް ލިއެވެ.
ރައީސް ޔާމީންގެ ހިކުމަތްތެރިކަމާ އެކު ކަންކަން އިސާހިތަކު ކޮންޓްރޯލުކުރެއްވީ ނިކަން ހުށިޔާރުކަމާއެކުއެވެ. އެރޭގެ 10:00 އިން ފެށީގެން 11:00 ދޭތެރޭގައި އެވީ އެއް ގަޑިއިރުގެ ވަގުތު ކޮޅަކީ ކުރު އެހެން ނަމަވެސް މުޅި ގައުމުގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރާމެދު ތަސައްވަރު ނެތިކޮށްލި ވަގުތުކޮޅެކެވެ. އެއީ ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ވަގުތުކޮޅެކެވެ.
އެ ދުވަހުގެ އެ ހުކުމަށް ހަ އަހަރު ފުރިގެން ދިޔައިރު އެ ވަގުތު ކޮޅު ހަނދާން ހުރީ ކިތައް ބޭފުޅުން ބާއެވެ؟ މިހާރު އަނެއްކާވެސް ގައުމުން އެފަދަ ބަޣާވާތެއް ކުރަން އުޅޭ ފަދަ މަންޒަރުތައް ފެންނަމުން ދާއިރު މިއީ ރައްޔިތުން ލޯހުޅުވާ ނިކަން ފާރަވެރިވާން ޖެހޭ ކަމެކެވެ.
އިދިކޮޅުގައި އޮތީ އޭރު އެ ބަޣާވާތްކުރަން ރޭވި އެމްޑީޕީއެވެ. ވެރިކަމުގައި މިއޮތީ އޭރު އެކަން ތަހައްމަލުކުރެއްވި ރައީސް ނުހަނު ގުރުބާނީ އެކު ގެންނެވި ވެރިކަމެކެވެ.