

މާލިއްޔަތާއި ބެހޭ ގާނޫނުގެ 32 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތަށް ވަންނަ އާމްދަނީ އާއި މި އާމްދަނީ ޚަރަދުކުރެވޭ ގޮތުގެ ތަފްސީލް އެއްވެސް އޮޅުވާލުމެއްނެތި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަން ލާޒިމުކޮށްފައިވާ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ މު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިހެން ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓްގެ ބައްދަލުވުން ސިއްރުކޮށްފައިވާތީ އެ މައުޟޫއަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅުވައިގެންނެވެ.
ޕީއެންއެފްއިން ރޭ ކުރިއަށް ދިޔަ ފްރޮންޓް އޮފީސް ޖަލްސާގައި "ޑިމޮކްރަސީ އުނބައް ޖެހުން" މި މައުޟޫއަށް ވާހަކަދައްކަވަމުން މުއްތަލިބު އިތުރަށް ވިދާޅުވީ ގާނޫނުގައިވާ ގޮތުން ސަޕްލަމެންޓަރީ ބަޖެޓެއް ބޭނުންވާ ހިނދެއްގައި ބަޖެޓް އިތުރު ކުރަން ބޭނުންވާ ސަބަބާއި އަދި އެ ޚަރަދުތައް ހިނގާނެ ގޮތުގެ ތަފްސީލް ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ފެނިގެންދަނީ މައުލޫމާތު ހޯދުމާއި މައުލޫމަތު ލިބިގަތުމަށް ސަރުކާރު ފެއިލް ވެފައިވާ މަންޒަރު ކަމަށެވެ.
ދައުލަތެއް ހިންގޭނީ ރައްޔިތުންގެ ފައިސާވެސް އޭގައި ހިމެނިގެން ކަމަށްވާއިރު އެ ފައިސާއަށް ޚިޔާނާތްތެރިވެ، ރައްޔިތުންނަށް އޮޅުވާލުމުގައި މި ސަރުކާރުން އިންތިހާއަށް ގޮސްފައިވާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
މާލިއްޔަތު ގާނޫނުން އެބަ ލާޒިމު ކުރޭ ޚަރަދުތައް ހިނގި ގޮތާއި، ސަޕްލިމަންޓްރީ ބަޖެޓެއް ބޭނުންވާ ހާލަތުގައި އެ ބޭނުންވާ ސަބަބު ބަޔާންކޮށް އެ ޚަރަދުތައް ހިނގާނެގޮތް ޓްރާންސްޕޭރެންސީކޮށް ރައްޔިތުންނަށް ކިޔާދެން.
މީގެ އިތުރުން، ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަކީ "އީވިލް މައިންޑެޑް" ބޭފުޅުން ކަމަށް މުއްތަލިބު ވަނީ ސިފަކުރައްވާފައެވެ.
އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ މަންފާއަށް ނަފްސު ވިއްކާލަމުންދާތަން ފެންނަމުންދާ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ.