ޖުޑިޝިއަރީ ހިނގަމުން ދާ އުސޫލަށް މިހާރު ބަލާނަމަ މައްސަލަަތަކުގެ ތެރެއިން ފެންނަމުން ދަނީ އެ މައްސަލަތައް ބައްލަވާ ފަނޑިޔާރުންތަކުގެ އަޚުލާގިއްޔަތުގެ ތަފާތުކަންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް) އިން މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލުތަކުގެ ތެރެއިންނެވެ.
އެގޮތުން މައްޗަން ގޯޅީ އުތުރު ދާއިރާއަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އައްސަދު ޝަރީފަށް އަމާޒުކުރެއްވި ސުވާލުތަކުގެ ތެރެއިން ރައީސް ޔާމީން ވަނީ ރާއްޖޭގެ ޖުޑީޝިއަރީގައި ގެންގުޅެމުންދާ ހަމަތަކުގެ މައްަޗަށް އަލި އަޅުވާލައްވާފައެވެ.
ރައީސް ޔާމީން ވަނީ ފަނޑީޔާރުގެތަކުގެ ތެރެއިން އެކި އެކި ފަނޑިޔާރުން އެކި އެކި މައްސަލައިގައި ގެންގުޅޭ މުއްދަތުގެ ތަފާތު ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ އިސްތިުނާފު މައްސަލައިގައި ހައިކޯޓުގެ ފަނޑީޔާރުންގެ ބެންޗުން އަމަލުކުރައްވަމުން ގެންދަވަނީ އަޚްލާގިއްޔަތުގެ ދަށު ދަރަޖައެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަޑުގެ މައްސަލައިގައި އަޅުގަޑު މިދަންނަވަނީ، އިސްތިއުނާފު ދިގު ލައިގެން ހިނގައްޖެ. މީހެއްގެ ހައްގުތަކެއް ގެއްލިއްޖެ. އެތައް ހާސް ރައްޔިތުންގެ އުއްމީދުތަކާ ގުޅުން ހުރިކަމެއް ނިމިގެން ދިޔައީ. ސުޕްރީމު ކޯޓަށް ވެސް އެކަން އެނގޭނެ. މީގަ މިއުޅެނީ ފަނޑިޔާރުންގެ އަޚްލާގިއްޔަތުގެ ތަފާތު. ފަނޑިޔާރުންގެ އަޚްލާގިއްޔަތާ ޒިންމާތަކުގެ އުނިކަމުގެ ތެރެއިން މި މައްސަލަ މި ނުކުންނަނީ.
ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ލުއި ދެއްވާ މަޖިލިސް އިންތިހާބަށް ކެމްޕެއިންކުރުމަށް ވީއްލާލަން ކެރޭނެތޯ އައްސަވާ ސަރުކާރަށް ސުވާލެއްވެސް އަމާޒުކުރައްވާފައެވެ.