މާދަމާ އިން ފެށިގެން ބަލިމީހުންނަށް އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސް އަށް ކެނޑުމަށް ފަހު ކަމަށް އާސަންދައިން ބުނެފި އެވެ.
އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް އަށްކަމަށެވެ.
އަދި ޕްރައިވެޓް އިންޝުއަރެންސް ނެތް ނަމަ ނުވަތަ ޕެކޭޖުތަކުގެ ލިމިޓު ހަމަވެފައިވާނަމަ މިހާރެކޭ އެއްގޮތަށް އާސަންދައިން ހިދުމަތް ލިބޭނެކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.އާސަންދައިގެ ހިދުމަތް ލިބިގަތުމަށްފަހު ހިދުމަތް ހޯދިކަމުގެ ރަސީދު ހޯދަން އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.
އާސަންދަގެ މި ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.