ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ބިޔަވެ، އާންމު ފަރުދުންނާއި އަމިއްލަ ވިޔަފާރިތަކަށް މި ގަައުމުން ޖާގައެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ކުރިއަށް ދިޔަ ސިލްސިލާ ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ދައުލަތުން މުޅި ގައުމު ހިސާރުކޮށްފި ކަމަށާއި ދިވެހިންނަށް ދިވެހި ގައުމުގެ ސަރުކާރުން ޖާގަ ގެއްލިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ރައްޔިތުންނަށް ދިން ހަދިޔާ އަކީ މާސިންގާ ބޮޑު ސަރުކާރެއް، ސަރުކާރު ބޮޑުވެ ރައްޔިތުން ކުޑަވެއްޖެ
ސަރުކާރަށް އަހަރެއް ވެގެން ދިޔަ އަހަރު ދިވެހި ރައްޔިތުންގެ ކެކުޅުންތައް ވީ ބޮޑު ކަމަށާއި އެ މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވަމުން ގެންދަވާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ގައުމެއް ތަރައްގީ ކުރެވޭނީ އެ ގައުމެއްގެ ސަރުކާރަށް ވުރެ ޕްރައިވެޓް ސެކްޓަރ ބޮޑުވެގެން ކަމަށް ޖަމީލް ވިދާޅުވިއެވެ. އާންމު ވިޔަފާރިތައް އިތުރުކޮށްގެން ގައުމަށް ވަންނަ ނަފާ ބޮޑުވެގެންދާނެ ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.
މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކަން ހިނގާ ގޮތް ކަމަށާއި ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުންވެސް ތަންފީޒު ކުރަނީ މި ސިޔާސަތު ކަމަށް ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ ޒިންމާއަކީ ޕްރައިވެޓް ސެކްޓަރ އަށް ފަސޭހަ ކޮށްދީ ރެގިއުލޭޝަން ހަދާދޭން ކަމަށާއި މުއިއްޒު ހެން އޭގެ ތެރެއަށް ވަންނަން ނޫން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.