މިނިވަން މުއައްސަސާތައް މިނިވަން ކުރަންވީ އެހެން ބައެއްގެ ކިބައިން ނޫންކަމަށާއި ސަރުކާރުގެ ކިބައިންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅެއްގައެވެ.
އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގައި ރައީސަކު އައްޔަންކުރާ ރައީސަކު ހުންނަންޖެހެނީ އެއީ މިހާރު އެންޓި ކޮރަޕްޝަން ނުހިނގާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާތީ އެ ވާހަކަ ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެފަދައިން ވާހަކަ ދައްކަވާއިރު މަަޖިލީހުގައި މިނިވަން މުއައްސަސާ ކޮމިޓީ ހަދައިގެން އެ މުއައްސަސާ ޒިންމާދާރު ކުރަން ޖެހޭ ބަޔަކީ މެމްބަރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެންމެ ފަހަރަކު ވެސް ކެރިވަޑައިގެންނަވަންޏާ މިނިވަން މުއައްސަސާއަށް އޭސީސީ ހާޒިރުކޮށް، އެ ކޮމިޝަނުގައި އޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮރަޕްޝަންތަކުގެ މައްސަލަ ބެލުމަށް ވެސް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.
އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ އޭސީސީ ނުހިނގާތީ އޭ މަޖިލީހުގެ ސީޒަންޑް މެމްބަރުން ބުނާތީ ހައިރާންވޭ، މި މުއައްސާތައް މިނިވަންކުރަންވީ ސަރުކާރުގެ ކިބައިން، އެހެންތަނަކުންނެއް ނޫން
އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ މިނިވަން މުއައްސަސާއަށް އޭސީސީ ހާޒިރު ކުރުމުގެ ބަދަލުގައި ރައީސް ބޭނުންވާ ބޭފުޅަކު އޭސީސީގެ ރައީސަކު ކަމުގައި ހަމަޖައްސަވަން އުޅެނީ ކީއްވެގެންކަން މިހާރު ރައްޔިތުންނަށް ސާފުވެއްޖެކަމަށެވެ.
އަދި މަޖިލީހަށް ހާޒިރުކޮށް ރައީސް މުއިއްޒުގެ ކޮރަޕްޝަންތަކުގެ މައްސަލަ ނުހިނގައިގެން އުޅެނީ ކީއްވެގެންތޯ އަހަން ވެސް މެމްބަރުންނަށް ކެރިވަޑައިނުގަންނަވާކަމަށެވެ. މަޖިލީހަށް ހާޒިރުކޮށް އެ މުއައްސަސާއާ ސުވާލު ކުރާ ހިސާބުން އެ މައްސަލަތައް ނުބެލޭ ސަބަބަކީ ރައީސް މުއިއްޒުގެ ނުފޫޒު ފޯރުުންކަމަށް ބުނެފާނެތީ ހާޒިރުކަން ނުކެރޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.