ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓްރީ ތެރޭ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރޝިޕް ފޯމް ފުރުމުން، އެކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުށްވެރިކޮށްފި އެވެ.
ރައީސް ޔާމީން އެ ކަންތައް ކުށްވެރިކޮށް ވާހަކަ ދައްކަވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގެ އޯޑިއަންސްގައި އިންނަވައެވެ.
ދާދިފަހުން މީސްމީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެނިގެންދިޔަ މަންޒަރާ ގުޅުވާ ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނަކީ އެކެއްގެ ޖީބުން އަނެއްކެ ޖީބަށް ފައިސާލުން އެކަނި ނޫންކަމަށެވެ. ކޮރަޕްޝަނަކީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބަޔަކު ލައްވާ ޕާޓީގެ އަމިއްލަ ބޭނުމަށް ވުޒާރާތަކާއި ކުންފުނިތަކުގެ ރިސޯސް ބޭނުންކުރުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީއެންސީ މެމްބަރޝިޕް ޑްރައިވްގެ ނަމުގައި ޕާޓީއަށް، ހޯމް މިނިސްޓްރީ ތެރޭ ފޯމް ފުރިކަމަކީ ވަރަށް ހަޑިކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެއީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުފޫޒު ފޯރުވައިގެން ކޮރަޕްޝަން ހިންގުންކަމަށް ވިދާޅުވެފައެވެ.
އިހުސާންގެ އޮފީހުގަ ޕީއެންސީގެ ފޯރމް ފުރުމަކީ ހަޑިކަމެއް، އެއީ ކަނޑަކަމެއް. މިހަދަނީ ގޮސް. މިކަމަށް ޖަވާބުދާރީވާނެ ގޮތެއް ނެތް. މިއީ ދިވެހިންގެ ބަދު ނަސީބު. މިހާ ވިޔާނުދާ ސަރުކާރެއް ނެތް
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ބާރު އޮތީމާ އެގޮތައް އެ ވުޒާރާ ތެރޭ ޕާޓީއަށް ފޯމް ފުރާ ހެދިދާނެކަމަށެވެ. އެހެންނަމަވެސް އެ ހެދެނީ ގޯސްކަމަށާ އެކަމަށް ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތްކަމަށާ މިއީ ދިވެހި ރައްޔިތުންގެ ބަދު ނަސީބުކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރު ގޯސްވެގެން އެޔަށްވުރެ ރަނގަޅު ސަރުކާރެއް ދައްކާނެކަމަށް ވައުދުވެ ވެރިކަމަށް އައިސް މިއަދު އެ ސަރުކާރެކޭ ވަކި ތަފާތެއް ނެތްކަމަށާ މިއަދު ވައުދާ، ތާހިރު ވެރިކަމާ މަޖިލީހުގެ ޒިންމާދާރުކަމެއް ފެންނަން ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.