މިއަދު މިއޮތީ ގައުމަށް އަލުން ނަސްރު ހޯދަން ޖެހިފައިވާ ހާލަތެއްގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބާގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި ޚާއްސަ މެސެޖުގައެވެ.
ރައީސް ޔާމީން ވަނީ އެ ދުވަހުގެ ހަނދާންތަކަކީ ދިވެހިންގެ ހިނދުރިން ފިލައިގެން ދާނެ ހަނދާންތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ ދުވަހު ޝަހީދުވި އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދު މިއަދު ހަނދާން އައުކޮށް އަދުގެ ޒުވާން ޖީލަށް ވެސް އެދުވަހުގެ ކަންކަން ހިނގާ ދިޔަ ގޮތް ކިޔައިދީ ގައުމުގެ މުސްތަގުބަލަށް އެކުދިންނަށް އެނގުން މުހިއްމު އެ މައުލޫމަތު ހިއްސާކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ ބިރުވެރިކަމާ ނާމާންކަމުން ދިވެހިންނަށް ފުރިގެންވި ދުވަހެއް ކަމަށާ އަދި އޭގެ އެންމެ ހިތާމަވެރިކަމަކީ އެކަމުގެ އަޑީގައި ތިބީ މި ފަސްގަނޑަށް އުފަން ބައެއްކަމަށް ވުން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މިއަދު ގައުމުގެ ހާލަތަށް ނަޒަރު ހިންގާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމު މިއަދު އޮތީ އަނެއްކާވެސް ނަސްރަށް ބޭނުންވެފައި ކަމަށާ އެގޮތުން މިއަދު ގައުމު އަޅުވެތިކޮށް ނުރައްކަލަށް ހުށަހަޅަމުން ގެންދަނީ ގޮތް ނޭނގޭ އެގްރިމަންޓުތަކުގައި ކަޅާ ހުދުން ހުރި ނުރައްކާތެރި ހަމަލާތަކުން ކަމަށެވެ. އެކަމުގައި ދައުލަތުގެ ވެރިންވެސް ހިމެނޭއިރު މިއީ ގައުމަށް ވަރަށް ބިރުވެރި ނުރައްކާތެރި ކަންކަން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ރައީސް ޔާމީން ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި މެސެޖު ނިންމަވާލެއްވީ ދިވެހި ފަސްގަނޑަށް އަބަދުވެސް މިނިވަންކަމުގެ ހިޔާ މިންވަރުކުރައްވާ ގައުމަށް ވަފާތެރި ދަރިންތަކެއް ގައުމުގެ ވެރިންގެ ގޮތުގައި ތިބުމަށް އެދިވަޑައިގަންނަވާ ހާލުގައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކާ ގުޅިގެން ބޭރުގެ ބަޔަކު ރާއްޖެ ހިފަން ކުރި މަސައްކަތަށް ދެއްވި ނަސްރާ ކާމިޔާބީގެ ހަނދާން އައުކޮށް ދުވަހުގެ ބަތަލުންގެ ޒިކުރާ އައުކުރުމަށެވެ.