ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު އިންތިޚާބުގެ ތެރޭގައި ރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި ވަޢުދުތައް ވެސް ފުއްދަވާނެކަމަށް ވިދާޅުވެފައިވާ ނަމަވެސް، ވެރިކަމަށް އަހަރެއްވާން ގާތްވެފައި އޮއްވާ ހުށަހެޅުއްވި ބަޖެޓުގައި ރަނގަޅު ޕްލޭނެއް، ރޭވުންތެރިކަމެއް ނެތް ކަމަށެވެ.
އެގޮތުން ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރުމުން އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިގުތިސާދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ ކަމާ، ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދާނެ ކަމަށް ޝަހިދު ވިދާޅުވެފައިވެއެވެ. އަދި މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ހައްސާސް ބައިތަކުން ހަރަދު ކުޑަ ކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރާކަށް މަސައްކަތް ކުރާ ތަނެއް ބަޖެޓުން ފެންނަން ނެތްކަން ޝާހިދު ފާހަގަކުރައްވާފައިވެއެވެ.
2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތްކަން.
— Abdulla Shahid (@abdulla_shahid) November 3, 2024
ރައީސް މުޢިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތުވެސް އެނގިވަޑައިގަންނަވާކަމަށާއި އަދި ވަޢުދުތައްވެސް ފުއްދަވާނެކަމަށް.…
މީގެ އިތުރުން ދައުލަތުގެ ރިކަރަންޓް ޚަރަދު މައްޗަށް ގޮސް ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށާއި، މި ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ނުފެންނަ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ހަމަ އެހެންމެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން. ޒަމާންވީ ޚާރިޖީ ގުޅުންތަކަށް މި ސަރުކާރުގެ އަމަލުތަކުން ނޭދެވޭ އަސަރުކޮށްފައިވުމުން މި ފައިސާ ހޯދުމަށް މިހާރު ވެސް ސަރުކާރުވަނީ ނުކުޅެދިފައިކަން ފާހަގަކޮށް ޝާހިދު އިތުރަށް ވިދާޅުވީ، މި ބަޖެޓަކުން އެކަމަކަށް ތަސައްލީއެއް ނުހޯދޭނެ ކަމަށެވެ. އަދި މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ ކަމަށާ ވިޔަފާރިތަކުގެ ފައިދާ ދަށްވެ. އިޤްތިސާދީ ދުވެލި ބުރަކި ޖެހޭނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ގެންދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް ސިއްރުވެރި ސިޔާސަތަކަށް ބަދަލު ކުރަމުން ކަމަށެވެ. އެގޮތުން މީގެ ކުރިން މަޖިލީހަށް ހުށަހަޅާ ބަޖެޓުތަކުގައި ފެންނަން ހުންނަ ތަފުސީލުތައް މިފަހަރު ހުށަހެޅި ބަޖެޓުގައި ފެންނަން ނެތް ކަމަށް މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ހިދުމަތް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ދެ ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްގީގެ މަޝްރޫއުތައް ކަމަށްވާއިރު މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފުސީލެއް ބަޖެޓުގައި ނެތްކަމާ ތަރައްގީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ހަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫއަކަށް ކަމެއް އެނގޭކަށް ނެތްކަންވެސް ޝާހިދު ފާހަގަކުރައްވާފައިވެއެވެ.
ޝާހިދު ވިދާޅުވީ ބަޖެޓު އެގޮތަށް އޮތުމުން ރައްޔިތުންނަށް ސަރުކާރުން ޖަވާބުދާރީ ވުމަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ވައްކަމާއި ފަސާދައަށް ހުޅުވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.