February 22, 2026
Advertisement
ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 335 މިލިއަން ޚަރަދުކޮށްފި
ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 335 މިލިއަން ޚަރަދުކޮށްފި / ރައީސް އޮފިސް

ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 335 މިލިއަން ޚަރަދުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 14, 2025, 09:23 PM
މާލެ ސިޓީ

ބަޖެޓުގެ ބޭރުން ސަބްސިޑީއަށް 335.5 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

Advertisement

ސަރުކާރުން ކުރިން ވަނީ، ސަބްސިޑީއަށް ކުރާ ޚަރަދުތައް ރިފޯމްކުރަން ސަރުކާރުން އިއުލާނުކޮށް، އެ ގޮތަށް ބަޖެޓު ވެސް ތައްޔާރުކޮށްފައެވެ. ނަމަވެސް ސަބްސިޑީ ރިފޯމްނުކުރެވި، ޚަރަދު ބޮޑުވާކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީން ވަނީ މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކުރިއިރު، އަހަރު ނިމެން އަދި ހަތަރު މަސް އޮއްވާ މުޅި ބަޖެޓު ހުސްވެއްޖެއެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރު ސަބްސިޑީއަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. ބަޖެޓަށްވުރެ އިތުރަށް މި މަހު ހަތަރުވަނަ ދުވަހާ ހަމައަށް 335.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޖުމުލަ 2.2 ބިލިއަން ރުފިޔާ ސަބްސިޑީއަށް ވަނީ ޚަރަދުކޮށްފައެވެ.

މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކޮށް ލިޔުނީ އެ ޚަރަދުތައް ރިފޯމްކުރާނެކަން އިއުލާނުކޮށްފައެވެ. އެ ގޮތުން، ގިނަ ސަބްސިޑީތައް ޓާގެޓުކޮށް، ހަމައެކަނި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ލިބޭ ގޮތަށް ބަދަލު ގެންނާނެކަން ސަރުކާރުން އިއުލާނުކުރިއެވެ. އެއީ، ބޭރުގެ މާލީ އިދާރާތަކުން ވެސް ގެންނަން ލަފާދީފައިވާ ބަދަލެކެވެ.

ނަމަވެސް، އިއުލާނުކުރި ގޮތަށް އެކަން ނުވެ، ބަޖެޓަށްވުރެ އިތުރަށް ސަބްސިޑީއަށް ވަނީ ޚަރަދުކުރަން ޖެހިފައެވެ. އެހެންވިޔަސް އަހަރުން އަހަރަށް ބަލާއިރު ސަބްސިޑީއަށް ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 609.1 މިލިއަން ރުފިޔާ ދަށެވެ.

ދަރަނި ބޮޑުވެ، މާލީ ދަތިކަމާ ކުރިމަތިލާން ޖެހުމުން ބޭރުގެ މާލީ އިދާރާތަކުން އެންމެ ބޮޑަށް ގޮވާލީ ސަބްސިޑީތަކާއި އެ ނޫން ވެސް ޚަރަދުތައް ރިފޯމްކުރާށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved