ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި "އަދަދު" ނޫހުން ގެނެސްދިން ސްކީލާން ޑޮކިއުމެންޓްރިއަށް، މިއަހަރުގެ ނޫސްވެރިންގެ އެވޯޑުގައި ލިބުނު އެވޯޑުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އަށް ވަދެއްޖެއެވެ.
އޭސީސީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ މިއަދުގެ ވަގުތެއްގައި އޭސީސީގެ ޓީމެއް އެމްއެމްސީއަށް ވަދެފައިވާ ކަމަށް އޭސީސީއިން މީޑިޔާތަކަށް މައުލޫމާތު ދީފައިވެއެވެ.
އެ އިދާރާ އިން ތަހުގީގު ކުރަނީ އެމްއެމްސީގެ މެންބަރުންގެ ތެރެއިން ބަޔަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތެއް އެ އިދާރާ އިން ހާމަކޮށްފައެއް ނުވެއެވެ.