މުއިއްޒު / ރައީސް އޮފިސް
ވިޔަފާރި
ޓޫރިޒަމާއި އެއާޕޯޓް ޓެކްސްތައް ބޮޑުކޮށް، އިތުރު ތަކްލީފް ރައްޔިތުންނަށް ޖައްސައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ނޮވެމްބަރު 2024
މާލެ ސިޓީ

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ތިން ގާނޫނަކަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ގާނޫނަށް މިފަދަ އިސްލާހުތަކެއް ގެނެސް ޓެކްސްތައް ބޮޑު މި ކުރީ ސީދާ މުއިއްޒުގެ ރިޔާސީ ވައުދާ ވެސް ހިލާފަށެވެ. ރިޔާސީ އިންތިހާބުގެ ކެންޕެއިން ދުވަސް ވަރު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އިތުރު އެއް ވެސް ޓެކުހެއް ނުނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިންކަން ހިގަމުން މިދާ "ނުތާހިރު" ގޮތަށް ބަލާއިރު ކަންވެ ނިމެނީ ދޮގާ މަކަރުގެ މަތީގައިއެވެ.

ގާނޫނު އަސާސީގެ 129 ވަނަ މާއްދާ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ނަހަމަ ގޮތުގައި އިންތިހާއަށް ބޭނުންކޮށް ސިޔާސީ މަގާމް ތަކަށް މީހުން އައްޔަން ކުރުމުގައި މިއަދު މިރާއްޖޭގައި ވަކި އިމެއް ހައްދެއް ނެތްކަން ވަރަށް ސާފެވެ.

މިފެންނަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މާ ރީތި ގޮތެކެވެ. މިއަދު މި ފެންނަނީ ޓެކްސްތައް ބޮޑުކޮށް އާއިލީ ވެރިކަމެއްގެ ތެރެއަށް ގައުމު ގަންބުވާ މަންސްޒަރެވެ. ނަތީޖާއަކީ މުދަލުގެ އަގު ބޮޑުވެ ދައުލަތުގެ ސިފަ ގެއްލި އާންމު ރައްޔިތުން ނިކަމެތިވުމެވެ.

ރައީސް ތަސްދީގު ކުރެއްވި އިސްލާހުތަކާ އެކު ޓޫރިޒަމުގެ ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ %16 އިން %17 އަށް ބޮޑުވާނެ އެވެ. އެ ބަދަލު އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ގެނައި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނަޔަސް، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެއެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމްގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް %1 ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް އާއި ރާއްޖޭގެ އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ތަނަކު ހުރި ކަނޑު ކޮހެއް ޓުއަރިޒަމް މިނިސްޓަރަކީ. އެއަށްވުރެ ކަނޑު ކޮސްކަން ބޮޑު އޭނައަށް އެ މަގާމު ދިން މީހާ. ކޮވިޑަށްފަހު މޮރިސަޝް ސީޝެލްސް ބާލީ ޕުކެޓް ފަދަ ރާއްޖޭގެ ކޮމްޕެޓިޓާސް ޑެސްޓިނޭޝަންސްތަކުން ޓެކްސްތަކާ ޓެރިފްތައް ކުޑަ ކުރަނީ މީހުން ގެންނަން. މި ކޮހުންތައް އަހަރު ދެކޮޅު ހުރިހާ އެއްޗެއް ބޮޑު ކުރަނީ

- ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިިވެރިއަކު ބުންޏެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބުރަބޮޑުވާ ގޮތައް ޓެކްސްތައް މައްޗަށް ޖެއްސުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާއީދުކޮށް ޑރ. މުއިއްޒު ކޮންޓްރޯލް ކުރައްވާ މަޖިލިހެއް އޮތުމާއެކު، ސަރުކާރުން ހުށަހަޅާ ކޮންމެ އިސްލާހެއް ނުވަތަ ގާނޫނެއް މަޖިލީހުން އޮތީ ރަބަރު ސްޓޭމް ޖެހުމަށް ކެތްމަދުވެފައެވެ.

ސަރުކާރުން ޓެކްސްތައް ބޮޑުކޮށްފައި މިވަނީ ޓެކުހުން ލިބޭ އާމްދަނީ ވައްކަން ކުރުން ހުއްޓާލުމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެފައި ވެސް ވަނިކޮށެވެ.

ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ، މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގައި ކަމަށެވެ. އެ ގޮތުން، ފާއިތުވި އަހަރުތަކުގައި ބުރަ މަސައްކަތްކުރާ ރައްޔިތުން އަތުން ނަގައި ޓެކްސް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން އައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްސްއެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ. އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ކޮބައިތޯ؟ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓައިލުން، ވަގުތުން ހުއްޓައިލުން

- ފަސްވަނަ ދައުރަކަށް މެންބަރުކަން ކުރައްވާ ސިޔާމް ވިދާޅުވިއެވެ.
ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved