ރައީސް މުއިއްޒު ކޮންޓްރޯލް ކުރައްވާ ރައްޔިތުންގެ މަޖިލީހަށް މުއިއްޒުގެ ފަރާތުން ހުށަހަޅަމުންދާ ގިނަ ބިލްތަކުން މުއިއްޒުގެ ދެ އަތަށް ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި މަޖިލީހަށް ހުށަހެޅި ބިލްތަކުން ފާހަގަ ކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުރިހާ ބާރުތައް ލިބޭ ގޮތަށް ހުރި ތަން ކަމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީގެ މަގުސަދަކަށްވީ އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ލިބުމުގައި ހުރި ދަތިތަށް ކަމާއިބެހޭ ފަރާތްތަކަށް ގެނެސް އެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމުގައި ރެއިސްކުރުން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ބަޖެޓުގައި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނެތް ކަމަށާއި އަދި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ހިނގާނެ ކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވަ ކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ ތަފުސީލު ހާމަނުކުރާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"ކޮބައިތޯ ކަނޑާލި 280 މުވައްޒަފުންނަކީ؟ އެ މީހަކު ނެތް. ސަރުކާރުން އެބަ ބުނޭ ކަނޑައިފީމޭ. ޚަރަދަކުން ނުދައްކައޭ އަދި އެ މީހާ ވެސް އޮފީހަށް ނުދާ މީހެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޣަފޫރު ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަތަރު ބިލިއަން ރުފިޔާ ބަޖެޓްގައި އޮތް ނަމަވެސް އޭގެ ތަފްސީލެއް އަދި އެ އަދަދު ގެނައި ގޮތެއް އެނގެން ނެތް ކަމަށެވެ.
އަދި ވިދާޅުވީ މި ދައުރު ފެށުނު އިރު ޕާސްޕޯޓުގެ މައްސަލަ ހުށަހެޅުނު ނަމަވެސް އެކަން ވެސް ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮންނަށް މަޖިލީހުން ކުރަން ނޫޅޭކަމަށެވެ.
މުއިއްޒުގެ ސަރުކާރުން މަޖިލިސް ބޭނުންކޮށްގެން ގާނޫތައް ބަދަލުކޮށް ސިޔާސީ ބޭނުމަށް ކަންކަން ބަދަލުކޮށް މިނިވަން މުއައްސަސާތަކަށް ކުޅެން އުޅޭތީ ސަރުކާރަށް އަންނަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މުއިއްޒުގެ އިންތިހާބީ ވައުދާ ހިލާފުވެ، އަހަރެއް ނުވަނީސް ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން ގިނަ ވިޔަފާރި ވެރިންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.