މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުން ތަކުގެ ސަބަބުން މިހާރު ދިވެހި ރައްޔިތުން ތަހައްމަލު ކުރަނީ ވަރަށް ދަތި ދުވަސްތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، މި ވެރިކަން ގެންނަން މަސައްކަތް ކުރެއްވުނީތީ އަދި ހާއްސަކޮށް ރައީސް މުއިއްޒަށް ތާއީދުކުރެއްވުނީތީ ހިތާމަކުރައްވާ ކަމަށެވެ.
މި ސަރުކާރު މިހާ ބޮޑަށް ނުކަސިޔާރު ވެގެން ހިނގައިދާނެ ކަމަށް އޭރު އެއްވެސް ވަރަކަށް އުންމީދުނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިހާރު ވެރިކަމަށް ވަޑައިގެން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދަނީ ވަރަށް ހިތްދަތި، ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ.
އަޅުގަނޑުމެންގެ މުޑުވަކުން އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި ބޭފުޅެއް މިއީ. އެއްވެސް ގޮތަކަށް އުންމީދެއް ނުކުރަން މިހާ ދޭސީކޮށް، މިހާ ގައިރު ޒިންމާދާރުކޮށް، މިހާ ރެކްލެސްކޮށް ކަންތައްތައް ހިނގައިދާނެ ކަމަކަށް އަޅުގަނޑު އުންމީދެއް ނުކުރަން .
ކަންބޮޑުވާ ދެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް ނައުމާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތް ނުކުރުން ހިމެނޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނައުމަށް މަސައްކަތް ކުރީ ދެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށާއި، މިއިން އެއްވެސް ކުރިއަށް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ޓިވީއަށް ދެއްވި ހާއްސަ އިންޓަވިއު ރައީސް ޔާމީން ނިންމަވާ ލެއްވީ މި ފަސް އަހަރުގެ ތެރޭގައި ޖަލު ހުކުމެއްގައި "ބަންދު" ނުކޮށްފި ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވަމުންނެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވި އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ ޖަލު އިއްވި ޖަލު ހުކުމަކާ ގުޅިގެންނެވެ.