އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ޑެފިސިޓު ކުޑަ ބަޖެޓެއް ކަމަށް ސަރުކާރުން ބުނާ ވާހަކަ އިދިކޮޅުން ދޮގުކޮށްފިއެވެ.
ސަރުކާރުން ބުނާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ 2019ގެ ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ޑެފިސިޓު ކުޑަ ބަޖެޓަށް ވާނެއެވެ.
ބަޖެޓު ހުށަހެޅުއްވިއިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާ އިން ކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީއިން ވަނީ ޑެފިސިޓު ކުޑަ ބަޖެޓެއް ކަމަށް ސަރުކާރުން ބުނާ ވާހަކަ ދޮގުކޮށްފައެވެ.
އިދިކޮޅުން ތހުމަތު ކުރާ ގޮތުގައި ސަރުކާރުން ވަނީ ބަޖެޓުގެ ހިސާބު އަކުރުތަކަށް މަކަރުވެރި ވެފަ އެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި ގާނޫނާ ހިލާފު އެތައް ކަމެއް އެބަހުރި ކަމަށް ތުހުމަތުކުރެއްވިއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ބަޖެޓުގައި ބޮޑު ހޭދައެއް ހިމަނާފައިވަނީ އިދާރީ ކަންކަމަށް ކަމަށެވެ.
އެގޮތުން ގެދޮރުވެރިކަމުގެ އިތުރުން އިގުތިސޯދީ ތަރައްގީއަށް ހޭދަކުރަން ހިމެނި މިންވަރު އެތައް އިންސައްތައެއް މަދުވި ނަމަވެސް، އިދާރީ ކަންކަމަށް ހިނގާނެ ކަމަށް ލަފާކުރާ އަދަދު %23 އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެއީ ސަރުކާރުގެ ދަތުރުފަތުރާއި، މިނިސްޓްރީތަކަށް ކުރާ ހަރަދުތައް ކަމަށެވެ. އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރަށްވުރެ 6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ކަމަށްވާއިރު، މިހިނގާ އަހަރު ވެސް އެމިންވަރަށް ހަރަދު ކުރާ ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ 2024 ވަނަ އަހަރު މާލީ ކަންކަން މެނޭޖްކުރީ ވެސް ގޯސްކޮށް ކަމަށާއި، ރިކަރެންޓް ހަރަދު 11.9 އިންސައްތަ ބޮޑު ވެފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން 3 ބިލިއަން ރުފިޔާ އުނިކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ ކަންކަމަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓަކުން މީގެ ތަފްސީލެއް ނޭނގޭ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި ހަރަދުކުޑަކުރުމަށް ރާވާފައިވާ ކަންކަން ހާސިލުކުރުމުގެ ގާބިލުކަމެއް ސަރުކާރުގެއެއް ނެތެވެ. އޭގެތެރޭގައި އާސަންދައިގެ ޚަރަދުކުޑަކުރުމާއި އިންޑިރެކްޓް ސަބްސިޑީގެ ޚަރަދުތައް ކުޑަ ކުރުމުގެ ގާބިލުކަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 155 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގެ ބަޖެޓު ޑެފިސިޓަށް ބަލާއިރު 2022 ވަނަ އަހަރު 13.6 ބިލިއަން ރުފިޔާ އަދި 2023 ގައި 14.6 ބިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓު އަރާފައިވެ އެވެ. އަދި ހިނގަމުންދާ 2024 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރި 5.1 ބިލިއަން ރުފިޔާއާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.