ރައީސް އަބްދުﷲ ޔާމީން / މިހާރު
ސިޔާސީ
ރައީސް ޔާމީންގެ ސުވާލެއް: ބޮޑު ފާލަން ހެދިއްޖެތޯ؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ނޮވެމްބަރު 2024
މާލެ ސިޓީ

މާލޭގެ ރަސްމީ ފާލަމުގެ މަރާމާތު މަސައްކަތް މަޑުޖެހިފައިވާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭ ރަސްމީ ފާލަން މިހާރު އެހުރި ޑިޒަނުގައި ހަދައި ހުޅުވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެތަން އޭރު މަރާމާތުކޮށް އަލުން ހެދީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރި އިރު އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ފާލަން 2017ގައި ވެސް ވަނީ މަރާމާތުކޮށްފައެވެ.

ރިޔާ ދޯންޏެއް ދުރަށް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އިއްޒުންދީން ފާލަމުގެ ފިލާ ޑެކް ހާއްސަ ރަސްމިއްޔާތުތަކަށް މަރާމާތުކޮށް ރީތިކޮށް ހެދި ނަމަވެސް ފާލަމުގެ ރިޔާގެ ބައި މަރާމާތު ނުކުރާތީ އެ ބައިގެ ދަގަނޑު ފްރޭމުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ.

އެތަނުގެ އަލުން މަރާމާތުކޮށް ޑިޒައިން ބަދަލުކުރަން ނިންމައި، މަރާމާތަށް އެތަން މިހާރު ވަނީ ބަންދު ވެސް ކޮށްފައެވެ.  ނަމަވެސް ހަ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، މަސައްކަތް ނުނިމި މުޅި ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

އިއްޒުއްދީން ފާލަމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ. ފާލަމުގެ މަތީބައި އެއްކޮށް ރޫޅާލާފައިވާ ދުވަސްތަކެއް ވެފައިވާއިރު، މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ޔާމީން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިފަހުން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގެނެސްފައިވާ ތަރައްގީގެ ތެރެއިން ރައްޔިތުން ބަލައިނުގަންނަނީ ކޮންކަމެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

އަޅުގަނޑަށް ހަމައެކަނި ފެންނަނީ ބޮޑެތި ޓަވަރުތަކާއި ބޮޑު ފާލަމާ އެއްޗިއްސެއް ނޫން ތެދެއްތޯ. ދެން އަޅުގަނޑު ހިތަށް އަރާ ކީއްވެބައޭ ރައްޔިތުން ފާޑު ނުކިޔަނީ. މިހާރު މާލޭގެ ބޮޑު ފާލަން އެނގޭތޯ އިއްޒުއްދީން ފާލަން. މީގައި އޮންނަނީ އިނގިރޭސި ބަހުރުވައިގެ މުހާވަރާ ބަހެއް. އައިފަލް ޓަވާ ބިނާ ކުރަން ނަގާފާނެ އަހަރުތަކެއް. އެކަމަކު ތަޅާ ތިރިކޮށްލަން މިނެޓެއް ވެސް ނުނަގާނެ. އެއޮތީ ބޮޑު ފާލަން. އެފާލަން ހެދިއްޖެތޯ. އެފާލަން ހަދާކަށް ނުވެސް އުޅޭ. މާލޭގެ މޫނުމަތި ތެދެއްތޯ. މިއެކަނި ވެސް މުއިއްޒު އެކައުންޓަބަލް ކުރަން ޖެހޭ.

- ރައީސް އަބްދުﷲ ޔާމީން

ރަސްމީ ފާލަމުގެ މަރާމާތުތައް އެމްޓީސީސީން ފެށީ މިދިޔަ މޭ މަހުގެ ކުރީކޮޅުގަ އެވެ. ރަސްމީ ފާލަން އަލުން މަރާމާތުކޮށް އަދި އާ ޑިޒައިނަކަށް އެ ތަން ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަގަކީ 11.7 މިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

ފާލަން ބަންދުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަނުގައި ހަރުކޮށްފައިވާ ޕޯސްޓަރެއްގައިވާ ގޮތުން:

  • ފާލަން މަރާމާތު ކުރަން 11.7 މިލިއަން ރުފިޔާ ހޭދަވޭ

  • ފާލަމަށް ގެންނަ ބަދަލުގެ ކުރެހުމުގައިވާ ގޮތުން ދޯނީގެ ރިޔާ ސިފަވާ ގޮތަށް ހުރި ތިން ސަތަރި ފުރާޅުގެ ބަދަލުގައި ހުންނާނީ ކުރިއެކޭ ވެސް އެއްގޮތަށް އާދައިގެ ތިން ފުރާޅު

  • މިފަހަރު ފާލަން ހަދަނީ 1950 ގައި ރަސްމީ ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެން

މާލޭގެ ރަސްމީ ފާލަމުގެ ގޮތުގައި ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރުން ފެށިގެނެވެ.

އިއްޒުންދީން ފާލަން އާންމު ގޮތެއްގައި ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ދަތުރުތަކަށާއި، ސަރުކާރުގެ ހާއްސަ މުނާސަބަތުތަކަށާއި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުމަށެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved