މުއިއްޒުގެ އަމަލުތަކުން ދައުލަތުން، ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ގެއްލިއްޖެ / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒުގެ އަމަލުތަކުން ދައުލަތުން، ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ގެއްލިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ނޮވެމްބަރު 2024
މާލެ ސިޓީ

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ގައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއެކު އިންތިހާބުވެ ރައްޔިތުންނާއި ގާތުން ވެރިކަން ހިންގުމެވެ.

ނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެ ވެރިކަން ކުރަން ފެށިފަހުން މުއިއްޒުގެ ވެރިކަމަށް އަހަރު ނުވަނީސް ފެންނަމުން މިދަނީ ޖުމްހޫރީ ވެރިކަމާއި ވަރަށް ބީރައްޓެހި ވެރިކަމުގެ ސިފަ ތަކަކެވެ.

އެއް މިސާލެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ބަލާއިރު، ދިވެހި ދައުލަތް  އެކަށައަޅައި ތަރުތީބުކޮށްފައި ވަނީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ. އެއީ އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ ޖަބާބުދާރީކުރުވުމަށެވެ. ގާނޫނީ ތަރަހައިގެ ތެރޭގައި ދައުލަތް ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިގޮތުން ގާނޫނުއަސާސީގެ 6 ވަނަ މާއްދާއިން ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ ގާނޫނުއަސާސީގެ 70 ވަނަ މާދާގެ (ށ) ގެ (3) ވަނަ ނަންބަރުން ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާ އެވެ.

ނަމަވެސް މި ދެންނެވި މަޖިލީހުގެ ބައެެއް މެމްބަރުންނަށް ފައިސާއިން ހަދިޔާ ދީގެން ރައީސް މުއިއްޒު އެ މަސައްކަތް ކުރައްވަނީ ދައުލަތު އެއް ބާރު ރައްޔިތުންގެ މަޖިލީސް އެމަނިކުފާނުގެ "މުށު" ތެރޭ ބޭއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި "ރައީސްގެ މެންބަރުން" ތިއްބެވުން އަލުން އަބުރާ އިއާދަކޮށް ގާނޫނު ހެދުމާއި ވެރިކަން ހިންގުމާއި، ޝަރީއަތް ކުރުމަކީ މުސްތަގިއްލުކޮށް ހިނގާންޖެހޭ ކަންކަމުގެ ގޮތުގައި ކަނޑައެޅިފައިވާ ޖުމްހޫރީ ވެރިކަމުގެ ނިޒާމް "ހަރާބު" ކޮށްލުމަށް މުއިއްޒު އެގެންދަވަނީ ސިއްރުން ދައުލަތުގެ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ނެވެ.

މަޖިލީހުގެ ތިން ބައިކުޅަ ދެބައަށްވުރެ ބޮޑު އަގުލަބިއްޔަތެއް ޕީއެންސީގައި އޮތުމަކީ މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް ކަންކަން ކުރަން ދިން އަގުލަބިއްޔަތެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

މި ފަދަ އެހެން މިސާލެ ކެވެ.

މިފަހުން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރި އެވެ. ހެނދުނު 10:00 އަށެވެ. ނަމަވެސް އެވަގުތު ރައީސް ބައިވެރިވެވަޑައިގަންނަވާ އިވެޓެއް ކުރިއަށްދާތީ މަޖިލީހުގެ ޖަލްސާ ފަސްކޮށް، 1:00 އަށް ބަދަލުކުރި އެވެ. މަޖިލީހުގެ ޖަލްސާ އެ ގަޑީގައި އޮވެއްޖެނަމަ ރައީސްގެ ޖަލްސާ ބަލާ މީހުންގެ އަދަދު މަދުވެދާނެތީ ތޯއްޗެކެވެ. ނަމަވެސް މިއީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޖަލްސާތައް ތާވަލުކުރުމުގައި ބަލަންޖެހޭ ކަމެއެ ބާވައެވެ؟

ޖުމްހޫރީ ވެރިކަމެއްގައި މަޖިލިސް ހިންގަންވާނީ ޖުމްހޫރީ ރައީސް ވިދާޅުވާ ގޮތަކަށް ނޫނެވެ. ލިޔެފައި އޮތް ގަވާއިދުތަކާ އެއްގޮތަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ޒިންމާތައް އަދާކުރެވޭނެހެން، ރައްޔިތުންނަށް އެންމެ ބޮޑު ލާބައާއި މަންފާއެއް ލިބޭނެ އުސޫލުތަކެއްގެ ތެރެއިން ނެވެ. އެހެނީ ތިޔައީ ނިކަމެތި ދިވެހި ރައްޔިތުންގެ މަޖިލީހެވެ.

އިތުރު މިސާލެކެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމުގެ ނިޒާމް ބަދަލުވެ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރައްވާނެ އެއްބަޔަކީ ޝައްކެތް ނެތްގޮތުގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކެވެ. ނަމަވެސް މުއިއްޒުވެރިކަމުގައި މަޖިލީހަށް ހުށައެޅި ބަޖެޓުން ކައުންސިލްތަކަށް ލިބޭ ފައިސާ ވަނީ އުނިކޮށްފަ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑާލުމަކީ ސިދާ ރައީސް މުއިއްޒުގެ ރޭވުންތެރިކަމާއިއެކު ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލަން ފެށި މަސައްކަތްކަތުގެ ފުރަތަމަ ފިޔަވަޅެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ބަޖެޓުގައި ހިމަނަނީ އެ އަހަރަކަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރުގެ މަދުވެގެން %5 އެވެ.

ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން މި ސަރުކާރުން ހިމަނާފައިވާ އަދަދު މަދުކަމުން މަޖެޓް ހުށައެޅުމުގައި ވެސް މުއިއްޒުގެ ސަރުކާރުން މި ވަނީ ގާނޫނު އަސާސީއާއި ހިލާފުވެފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ލާމަރުކަޒީ ވިސްނުމާ ފުށުއަރާ ކަންކަން ކަމަށް ވުމުން ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދުށް ހުވަފެނަށް މުއިއްޒުގެ ސަރުކާރުން މިވަނީ ފުރަގަސްދީފައި އެވެ.

ދިވެހި ޖުމްހޫރީ ނިޒާމަށް މިއަދަށް 56 އަހަރު ފުރުނުއިރު މިއަދު ފެންނަނީ ގައުމު އޮޔާދާ މަންޒަރެވެ. ހުރިހާ މަންޒަރަކުން ވެސް ހުރިހާ ނަޒަރިއްޔާތަކުން ވެސް ގައުމު އޮޔާދާ މަންޒަރު އެވެ ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރެވެ. ގައުމުގެ އިސްތިގުލާލު އޮޔާދާ މަންޒަރެވެ. ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރެވެ. މި ކަޅު ސަފުހާތައް އިއާދަވުމަކީ ދިވެހިންގެ ތެރެއިން އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ތިބާގެ އާއިލީ ވެރިކަމުގެ ބޮޑު ބަގީޗާގައި، ވެރިކަމުގެ ފުރަތަމަ އަހަރު ތިޔަ ފެންދީ ހައްދަނީ ދިވެހި ޖުމްހޫރީ ވެރިކަމުގެ ތާރީހުގައި ދުއް ގަސްގަހާއި ގެއްސާއި މާމެލާމެލި އެއް ނޫނެވެ. ތިޔަ އިންދަވަނީ "ޒައްގޫމު" ގަހެވެ. ތިޔަ ގަހުން ކަށި ޖަހާނީ ދިވެހި ޖުމްހޫރިއްޔަތުގައި އެވެ. ދިވެހި ރައްޔިތުންގެ ގައިގަ އެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ވެރިކަމުގެ ފުރަތަމަ އަހަރު ނިމެންދާއިރު، އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީ އަކު ނޫނެވެ. އަދި ކިއެއްތަ ތިހަ ހުންނެވީ ބައްޕާފުޅު ލިޔުއްވި "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތުގެ މަފުހޫމް" ފޮތުގައިވާ ހަމަތަކާއި ވެސް ހިލާފަށެވެ. މިއަދާ ހަމައަށް ވެސް ބައްލަމުން ތިޔަ އަންނަނީ "އަދުރޭ" ގެ ފޮތް ހަރުގަނޑެވެ. އޭގައި އޮތީ ނެތިމޮށުމާއި ފުރައްސާރައާއި ބަދަލު ހިފުމުގެ ރޫހެއްގައިވާ ފިތުނަވެރިކަމެއްގެ ކެކުޅުމެކެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށްވާތީ އެފަދަ ވެރިކަމެއްގައި ވެރިޔަކު ވާންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވާ ވެރިޔަކަށެވެ. ވެރިކަމަކީ ފަހަރެއްގައިވެސް ލިބޭ މާބޮޑު ޝަރަފެއް ކަމަށް ދެކި ރައްޔިތުންގެ މަތިން ހަދާން ނައްތާ ނުލާށެވެ. އަދި ވެރިކަމަކީ ލިބޭ މުދާގަނޑެއް ކަމަށް ދެކިގެން ދައުލަތުން ދެއްވި ގެކޮޅުގައި ކަރޯކޭ ޖައްސަވާ "ޕާޓީ" ނުކުރައްވާށެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ޖުމްހޫރިއްޔަތެއް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންނާ ބެހޭ ގޮތުންނާއި ގައުމުގެ ތަރައްގީގެ ކަންކަން ނިންމުމުގައި ދިވެހި ރައްޔިތުންގެ ހިއްސާއާއި ބައިވެރިވުން އޮތުމެވެ. 20ވަނަ ގަރުނުގެ ރައްޔިތުން ދެކެމުން އައި ހުވަފެން މިއަދު ހަގީގަތަކަށްވުމުގެ ހުރަހަކަށް މަނިކުފާނު ނުވާށެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔުން އެއީ. ﷲ ސުބުހާނަހޫ ވަތައާލާގެ ވާގިފުޅާއި، މިންވަރުފުޅާއި ލައިގެން ކަން ގަބޫލުކުރައްވާށެވެ. ދިވެހި ރައްޔިތުންނަށް ތެދުވެރިވެ އަމާނާތްތެރި ވާށެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި އެކަކު އަނެކަކަށް އިހްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމައެއް ގާއިމު ކުރުމަށް މަސައްކަތް ކޮށްދެއްވާށެވެ. އަދި ރައްޔިތުންނަށް މިއަދު ދިމާވެފައި ހުރި ގިނަ ގޮންޖެހުންތައް ހައްލުކޮށްދެއްވާ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއިއެކު ދައުލަތުގެ މިނިވަން މުއައްސަސާތަކަށް "އަތް ބޭނުން" ހުއްޓާ ލައްވާށެވެ.

ދިވެހިރާއްޖެ ތަރައްގީ ކުރުމާއި ރައްޔިތުންނަށް ކުރިއެރުން ގެނެސް ދީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށް ދެއްވައި، އިންސާފުވެރި ކަމާއެކު ކަންކަން ބެލޭނެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ދެއްވާށެވެ.

އޭ މިހިރަ ޖުމްހޫރީ ވެރިކަމުގެ ވެރިޔާއެވެ.

ދިވެހި ރައްޔިތުންނަށްޓަކައި، ޤުރުބާންވެ، ނެތި ދިއުމަށްވުރެ ވަކިންބޮޑު މަގުސަދެއް ތިބާ ގެންގުޅުއްވަނީ ހެއްޔެވެ؟ މަނިކުފާނުގެ އަމަލުތަކުން ދިވެހި ޖުމްހޫރީ ދައުލަތުން، ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ގެއްލިއްޖެ އެވެ. ރައްޔިތުންނަށް އާރާއި ބާރު ލިބިދޭ ދިވެހި ޖުމްހޫރިއްޔާ ގަތުލުކޮށް ކަފުންކޮށް ވަޅުލުމަށް މަސައްކަތް ނުކުރައްވާށެވެ. ތިބާގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުބާދުކޮށް "ފުޑާލަން" ޖެހޭ ދައުރެއް ނޫނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved