

ރާއްޖޭގައި ވޭޕް މަނާކުރަން ސަރުކާރުގެ ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ. އަށް މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
ބިލު ހުށަހެޅުމުގެ ބޭނުމަކީ އީ-ސިނގިރޭޓާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އެ އެއްޗިއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން މަނާކުރުމެވެ. އަދި ގާނޫނާ ޚިލާދަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތައް އިތުރުކުރުމަށާއި އެ ނޫންވެސް ގާނޫނު ތަންފިޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.
ސަރުކާރުން ނިންމައިފައިވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މިމަހުގެ 15އިން ފެށިގެން މަނާކުރުމަށެވެ.
އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.
އޭގެ ފަހުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ މީހެއް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ އެވެ. ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އަދި ވޭޕް ކުރަން ބޭނުން ކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ މަތީ އުމުރަކީ 21 އަހަރު ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.