ލޭންޑްޔޫސް ޕްލޭންއެއް ހެދުމެއް ނެތި ސަރުކާރުން ބޭނުން ގޮތަކަށް ބިން ކަފާފައި ދެވިގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގާއްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ސަރުކާރަކުން ލޭންޑްޔޫސް ޕްލޭނެއް ހެދުމެއް ނެތި އެ ސަރުކާރެއް ބޭނުން ގޮތަކަށް ބިން ކަފާފައި ދެވިގެން ނުވާނެ ކަމަށާއި އެއީ ރަގަނޅު ގޮތެއް ނޫން ކަމަށެވެ.
ލޭންޑްޔޫސް ޕްލޭންއެއް ހެދިގެން ނޫނީ ކޮންމެ ސަރުކާރެއް އޮތަސް، އަޅުގަނޑުމެންގެ ސަރުކާރު އޮތަސް އަދި އެހެން ސަރުކާރެއް އޮތަސް، ސަރުކާރުން ބޭނުން ގޮތަކަށް ބިން ކަފާފަ ދެވިގެން ނުވާނެ. އެއީކީ އެކަން ވާނެ ގޮތެއް ނޫން
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މާލޭގައި ސިޓީ ކައުންސިލެއްވެސް އެބައޮތް ކަމަށާއި އެހެން ކަމުން މާލޭގައި ބިންތަށް ދޫކުރާއިރު މާލޭގެ ކޮންމެ އަވަށެއްގެ ނުވަތަ ދާއިރާއެއްގެ މީހުންގެ ގެނެސްގެން ބިން ދޫކުރާނެ ގޮތުގެ މަޝްވަރާތަކެއް ކުރެވެން ޖެހޭ ކަމަށެވެ.
މިފަދަ ކަންކަމަކީ ކައުންސިލްގައި ތިއްބަވާ ބޭފުޅުންނަށް ނިންމާލެވޭނެ ކަންކަން ނޫން ކަމަށާ އެގޮތަށް އެކަން ކުރުން އެއީ އެމަނިކުފާނު ގަބޫލް ކުރައްވާ ގޮތް ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.