ރައީސް މުހައްމަދު މުއިއްޒަކީ "ސިކު" މީހެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު، ރައީސް މުއިއްޒު މިފަދަ ގޮތަކަށް ސިފަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނޫސްވެރިންނާ މީޑިޔާތަކާ ނޫސްތައްވެސް ޖުރިމަނާ ކުރެވޭ ގޮތަށް ފަރުމާކޮށް، ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ފަހު އެކަމަކީ ތިމަން މަނިކުފާނު ތާއީދުކުރާކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މީސް މީޑިޔާގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވާ ޑރ ޖަމީލު ވިދާޅުވީ، ސަރުކާރުން ކަންކަން ކޮށްފައި އެކަމުގެ ޑިފެންސަށް ރައީސް ކުޅުއްވުމުން ހާމަވަނީ ރައީސް މުއިއްޒަކީ "ސިކު" ނުވަތަ ހަމަ ނުޖެހޭ މީހެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން މީޑިޔާ ކައުންސިލާ ބްރޮޑްކާސްޓިން ކޮމިޝަންވެސް އެއްކޮށްލުމަށް ފަހު މީޑިޔާތައް ރެގިއުލޭޓު ކުރާ ބޮޑީގެ ރައީސްއާ ނައިބު ރައީސް ވެސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ދިނުމަށް ނިންމާފައިވާތީ އެކަމަށް ޑރ ޖަމީލުވަނީ ފާޑުވިދާޅުވެފައެވެ.
އެގޮތުން ޑރ ޖަމީލު ވިދާޅުވީ އެގޮތަށް ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިގެން ހުންނަވާ ގޮތަށް މިޑިއާ މިނިވަން ކުރަން ނަގާ ފިލާވަޅު ހާވަރޑު ޔުނިވަރސިޓީ ފަދަ ތަންތަނަށް ހުށަހަޅަން ފެންނަކަމަށެވެ.
މިއަދު ގަބޫލް ކުރަންޖެހޭ @MMuizzu އަކީ ވަރަށް ސިކު މީހެއްކަން.
— Mohamed Jameel Ahmed (@MJameelAhmed) November 13, 2024
ތިޔަކަމިޝަނުގެ މެޖޯރިޓީ މަނިކުފާނު އަތުގައި.
ރައީސް އާއި ނައިބު ރައީސް މަނިކުފާނު ހަމަޖައްސަނީ.
ތިޔަ ގޮތަށް މިޑިއާ މިނިވަން ކުރާ ތިޔަ ފިލާވަޅު ހާވަރޑު ޔުނިވަރސިޓީ ފަދަ ތަންތަނަށް ހުށަހަޅަން ފެނޭ.
ތިޔައީ މީހަކު… https://t.co/PoE3XLK2NC
މީގެ އިތުރުން ރައީސް މުއިއްޒު މަކަރާ ހީލަތުން ނޫސްތަކަށް ފިޔަވަޅު އެޅުމަށް ބިލު ހުށަހެޅުވުމަށް ފަހު ތިމަންމަނިކުފާނު ބޭނުންވާ ގޮތް ނޫން ކަމަށް ބުނެ ކަންކަން ކުރަމުން ގެންދަނީ މީހަކު ގަސްދުގައި މެރުމަށްފަހު، އިސްލާމްދީނުގައިވާ ގޮތާއި ޚިލާފަށް މީހަކު މެރުން ގަބޫލު ނުކުރަމޭ ބުނާ ފަދައިން ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
މިހާރު އެހެންކަމުން ރައީސް މުއިއްޒުގެ މިސްރާބު ހުރީ ފުލް ޑިކްޓޭޓަރޝިޕަކާ ދިމާއަށް ކަމަށާ ނަމަވެސް ރައީސް މުއިއްޒަށް ވުރެ ދިވެހި ގައުމުގެ ރައްޔިތުން ބާރުގަދަވާނެކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި މިހާރު ފެންނަނީ ޖާހިލުންތަކަކަށް މުޅި މަޖިލިސް ދިނުމުގެ ހިތި ނަތީޖާ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.