ސަރުކާރަށް ލިބޭ ބާރުތަކެއް ނަހަމ ގޮތުގައި ބޭނުންކޮށްގެން، ޑޮލަރު މާރުކުރުމަށް ރިސޯޓު އޯނަރުންނަށް އެންގި އެނފުމާ އެ ވިޔަފާރިވެރިން ދެކޮޅު ހަދަމުން ގެންދާތީ އެ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ ޕާޓީ ޕިއެންސީގެ އެކްޓިވިސްޓުން ގޮވާލައިފިއެވެ.
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނެކަން، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ގްރޫޕުން ވަނީ އަންގާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އެއްބަނޑު އެއްބަފާ ބޭބެ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވަނީ އެ ކުންފުންޏަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އެގޮތުން ޓޫރިޒަމް ފެސިލިޓީތަކުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރު ނުކުރެވޭނެ ކަމަށް ޔުނިވާސަލްއިން ބުނުމުން، އެ ވާހަކައަށް ރައްދުދީ މުހައްމަދު މުތައްލިބުވަނީ ފޭސްބުކްގައި ޕޯސްޓެއްކޮށް ޔުނިވާސަލްއަށް އެހެން ގަދަ ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ.
ޔުނިވާސަލްގެ ރިސޯޓް ހުއްދަ ހިފަހައްޓާލާ. އެހެން ގަދަ ދެއްކޭތަ
އެމްއެމްއޭގެ ގަވާއިދަކުން ޑޮލަރު މާރުކުރަން އެންގި ނަމަވެސް، އެގޮތަށް އަމަލު ނުކުރެވޭކަން ހާމަކޮށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަށް ޔުނިވާސަލް އެންޓަ ޕްރައިޒަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނީ އެމްއެމްއޭއިން ރިސޯޓު ރޫމް ރޭޓަށް ބެލުމެއް ނެތި 500 ޑޮލަރު މާރުކުރަން ކަނޑައެޅުމަކީ ސަބަބުވެރި ނިންމުމެއް ނޫން ކަމަށެވެ.
ޔުނިވާސަލް ހުއްދަ ހިަފަހއްޓާ އެ ކުންފުންޏަށް ފިޔަވަޅު އެޅުމަށް ޕީއެންސީގެ އެކްތިވިސްޓުން ގޮވަމުންދާއިރު އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ 8 ރިސޯޓެއް ހިންގާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ޔުނިވާސަލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސްއެވެ.