
ޑޮލަރުގެ ބެލެނިވެރި ފަރާތްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބަދަލުގައި އެހެން މުއައްސަސާތަކުން ޑޮލަރުގެ މައްސަލައަށް އާ އުކުޅު ހޯދަން ޖެހެނީ ކީއްވެ ކަމާ މެދު ކުރީގެ އިކޮނޮމިކު މިނިސްޓަރު އަހުމަދު މުހައްމަދު ސުވާލު އުފައްދަވައިފިއެވެ.
ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދުގެ ހަމަތަކުގެ ބޭރުން މި އިންތިޒާމް ބިނާކުރި ޤާނޫނީ އަސާސްތަކާއި، ރަސްމީ އެކްސްޗޭންޖް ރޭޓް އޮނިގަނޑަށް މިކަން ފެތޭ ގޮތް އެ އޮތޯރިޓީން ހާމަކުރަން ޖެހޭ ކަމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޑޮލަރު ޕްރޮޑަކްޓްގެ ޤާނޫނީ ހައިސިއްޔަތު އެމް.އެމް.އޭ އިން ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވެސް ދެކިވަޑައިގަންނަވާ ކަމަށާ ނަމަވެސް، މިކަމުގައި އަޅުގަނޑުމެންނަށް ސަމާލުކަން މިދެވެނީ އެންމެ މުހިންމު ދިމާލަށްތޯ ވިސްނާލަން ޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ބޭންކުގެ ޕްރޮޑަކްޓްގެ ޤާނޫނީ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ނަމަވެސް، މިއަށްވުރެ މާ ބޮޑު އިޤްތިޞާދީ ސުވާލެއް އެބައޮތް ކަމަށް ވިދާޅުވެ އަހުމަދު އިތުރަށް ވިދާޅުވީ އެއީ، ބޭރު ފައިސާގެ ދަތިކަން މެދުވެރިވާ އަސްލު ސަބަބުތައް ކަމުގައިވާ ފިސްކަލް އަދި މެކްރޯ-އިކޮނޮމިކް ނުތަނަވަސްކަން ހައްލުކުރުމުގެ ބަދަލުގައި، އެ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހެން މުއައްސަސާތަކުން ތަކުރާރުކޮށް އާ އުކުޅުތަކެއް ހޯދަން މިޖެހެނީ ކީއްވެގެންތޯ ކަމަށްކަން އަހުމަދު ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އަހުމަދު އެ އިޝާރާތްކުރައްވަނީ ދިވެހިރާއްޖޭގެ ބޭންކިންގްއާ ބެހޭ ޤާނޫނު (2010/24) ގެ ދަށުން ބޭންކުތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާއި، މަނިޓަރީ އޮތޯރިޓީގެ ޤާނޫނު (81/6) ގެ ދަށުން މަނިޓަރީ އަދި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ތަންފީޛުކުރުމުގެ ޤާނޫނީ ބާރު އޮންނަނީ އެމްއެމްއޭއަށް ކަމަށް ވީނަމަވެސް ބޭންކް އޮފް މޯލްޑިވްސްއިން އެކަމުގެ ތެރެއަށް ވަދެގެން އުޅޭ އުޅުމަށެވެ.
އަލަށް ތަޢާރަފްކުރި ޑޮލަރު އިންވެސްޓްމަންޓް ޕްރޮޑަކްޓްގެ ޒާތާމެދު އާންމުންގެ މެދުގައި ބަހުސްތަކެއް ހިނގަމުންދެއެވެ.










