ރައީސް މުއިއްޒުގެ ސަޕޯޓަރުން ވެސް ތިބީ ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް މުއިއްޒުގެ ސަޕޯޓަރުން ވެސް ތިބީ ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
20 ނޮވެމްބަރު 2024
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުން އެއް އަހަރު ނިމުނީ އެވެ. އުންމީދު ކުރި ގޮތާ މުޅިން ހިލާފަށް މިހާރު ސަރުކާރާއި ދައުލަތުގެ ތެރެއިން ފެންނަނީ ބިރުވެރިކަމުގެ ތެރެއަށް ރާއްޖެ ފުރޮޅެމުންދާ މަންޒަރެވެ. ބާރުތައް މުއިއްޒުގެ މުށުތެރެއަށް ޖަމާކޮށް، މިސްރާބު ހިފާފައި ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށެވެ.

މި ސަރުކާރަކީ ދޮގުހަދައި އޮޅުވާލައިގެން ވެރިކަމަށް އައި ސިއްރު އަދި "މުނާފިގުކަން އިންތިހާއަށް ބޮޑު ސަރުކާރެއް" ކަމަށް ބުނާ އަޑު ވަނީ ރަށުތެރޭގައި ގަދަވެފަ އެވެ. މި ވާހަކަ ދައްކަނީ މުއިއްޒުއާއި ދެކޮޅު މީހުން އެކަން ނެތް ވެސް ނޫނެވެ. މިހާރު ވެސް މުއިއްޒު ދެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުން ވެސް ތިބީ ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން ނެވެ.

އޭގެ އެއް ހެއްކަކީ ދާދި ފަހުން މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާތީ އެކަން ކުށްވެރިކޮށްފައި ޖެހިގެން އައި ހަފްތާގައި ރާއްޖޭގައި "ބަރަހަނާކޮށް" ބޮޑީބިލްޑިން މުބާރާތެއް މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް ބޭއްވުމެވެ.

މިކަމާއި ގުޅިގެން މުއިއްޒުގެ ސަރުކާރުގައި ސިޔާސީ ބަގާމެއްގައި ހުންނެވި އަދި މިހާރު ވެސް ޒުވާނުން ބާރުވެރި ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅަކު ވިދާޅުވީ ރާއްޖެއިން ބޭރުގައި އޮންނަ ރީތީގެ ރާނީ ހޮވުމުގެ މުބާރާތެއްގައި ދިވެހި އަންހެން ކުއްޖަކު ބައިވެރިވާތީވެ އެކަން ސަރުކާރުން ބޮޑުތަނުން ކުށްވެރިކޮށް ނޫސްބަޔާންތައް ނެރެފައި، ސަރުކާރުން ރަސްމީކޮށް އިންތިޒާމުކޮށްގެން މާ ނިވާކަން ކުޑަ ހެދުމުގައި އޮރިޔާމުން ތިބެގެން ދިވެހިން ހިމެނޭހެން ސާޅީހަކަށް ގައުމުގެ ދެޖިންސުގެމީހުން ބޮޑީބިލްޑިންގ މުބާރާތް ބޭއްވީމަ މީތި ކަޑަ ކަމަށެވެ. ސަރުކާރުން މި ހިފަހައްޓަންއުޅެނީ އައުރަ ނިވާކުރުމުގެ ކޮން މިންގަނޑެއްކަމެއް ނޭނގުނީމަ ސަލަފުއް ސޯލިހުންނަށް ވެސް މިހާރު ރައީސް މުއިއްޒުގެ ސިޔާސަތު އޮޅިއްޖެ ކަމަށެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން ދިން އިރުޝާދުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ މުބާރާތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މާފަށް އެދޭ ކަމަށެވެ. އަދި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މި ދެންނެވި ޒުވާނާ ވަޒީފާގެ މަސްލަހަތައް ނަންހާމަ ނުކުރަން އެދި އިތުރަށް ބުނީ ސަރުކާރުގެ ތާއީދު ނެތި މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވެ، ދިވެހި ލިބާހުގެ ރީތިކަން މުޅި ދުނިޔެެއަށް ދައްކާލުން ވެގެން އެދިޔައީ ރައީސް މުއިއްޒުގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އަށް ވެސް ނުވާވަރު ކަމަށެވެ. ދިވެހި އާދަކާދައާއި ސަގާފަތް ދިރުވާ ދިވެހި ގައުމިއްޔަތު ވިއްކަން ހުވާ ކުރެއްވުމަށްފަހު، އެފަދަ ކަންކަންކަމަށް ހިތްވަރު ދިނުމުގައި ކުރަން ވީ ނުކުރަންވީ ކަމެއް އަދި ދުނިޔޭގެ ކަންހިގާ ގޮތެއްވެސް މުއިއްޒުގެ ސަރުކާރަށް ފަހުމް ނުވާ ކަމަށެވެ. ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަށް ރައްޔިތުން ކުރި ފޮނި އުންމީދު ގެއްލި ރާއްޖޭގެ އަމާންކަމާއި މުޖުތަމައުގެ ބަދަހިކަމާއި ވިލުންވެރިކަން ގެއްލިއްޖެ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މިސް ޔުނިވާސްގެ ގަވާއިދު މިހާރު އޮންނަ ގޮތުން ވަނަ ހޮވަނީ ހަމަ އެކަނި މުބާރާތުގެ ބައިވެރިންގެ ރީތިކަމަށް ބަލައިފައެއް ނޫން ކަމަށެވެ. އެގޮތުން މީހުންނާ ބައްދަލުވެ ވާހަކަދައްކާ ގޮތާއި މީހުންގެ ތެރެގައިއުޅޭ ގޮތުގެ އިތުރުން ވެސް އެކި ކަންކަމަށް އެ މުބާރާތުގެ ފަނޑިޔާރުން މިހާރު އިންސާފު ކުރާ ކަމަށެވެ. އަދި މިސް ޔުނިވާސްގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން ހަށިގަނޑުގެ ބައެއް ދެއްކުމާއި ނުދެއްކުން އެއީ މުބާރާތުގެ ބައިވެރިންގެ އަތް މަތީގައި އޮންނަ ކަމެެއް ކަމަށެވެ.

މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން ހުރި އިތުރު މީހެއްގެ ހިޔާލެކެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ކަނޑައެޅި ބިންތަކާއި ފްލެޓުތައް މި ސަރުކާރަށް އަދިވެސް ހަވާލުނުކުރެވިގެން އުޅޭ އިރު، ރައްޔިތުންނަށްޓަކައި ކުރަނީ ކޮންކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ހިފަހައްޓައިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އުޅުއްވި ގޮތުން ވަރަށް ގިނަ ބައެއްގެ އިތުބާރު ސަރުކާރަށް ގެއްލުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުނުކޮށް ސަރުކާރުން ފަސްކުރި ކޮންމެ ދުވަހެއް އެއީ އެކަމުގައި ރައީސް މުއިއްޒުގެ ބޮޑު ބައިވެރިވުމެއް އޮތް ކަމެއް ކަމަށް ރައްޔިތުން ގަބޫލުކުރި ކަމަށެވެ.

މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ މުއިއްޒުގެ ދިފާއުގައި ވަރަށް އުޅުއްވި ބޭފުޅެކެވެ. މިއަދު މި ބޭފުޅާ ވެސް ހުންނެވީ ސަރުކާރު ދާ މިސްރާބަށް ނުރުހި ތުން ދަމައިގެން ނެވެ.

އަޅުގަނޑުމެންގެ ސަރުކާރުން ވީ ވައުދާ ސީދާ ހިލާފަށް، ފެންނަމުންދަނީ އާސަންދަ ކުޑަކޮށް، ސަބްސިޑީތައް ކަނޑާލައި، ޓެކްސްތައް ބޮޑުކޮށް، މަސްވެރިންނަށް ފައިސާ ނުދީ ވިޔަފާރިވެރިން ބަނގުރޫޓުކޮށް، ޒުވާނުން ނިކަމެތިކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މި ފެންނަނީ އިގުތިސާދީ ކުރިއެރުން ހުއްޓިފައި އޮތް މަންޒަރު. ވެގެން މި އުޅޭ ގޮތަކީ ހިންގަން ނޭނގުނީ. މެނޭޖު ކުރަން ނޭނގުނީ،

- ސިޔާސީ މަސްލަހަތައް ނަން ނުޖަހަން ޝަރުތުކޮށް ސްޓޭޓް މިނިސްޓަރު ފެންފަރުގައި ހުރި ބޭފުޅަކު ވިދާޅުވި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިން ބަޖެޓު ވެރިކަމުގެ 8 މަސް ދުވަހުގެ ތެރޭގައި ހުސްކޮށްލިއިރު، އެ ފައިސާ އިން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، 49.8 ބިލިއަންގެ ބަޖެޓު ހުސްވެގެން، އިތުރު ފަސް ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ހުށަހެޅި އިރު، ރަށެއްގައި ހިންގި މަޝްރޫއެއް، ކުރި މަސައްކަތެއް އަދި ދެއްކި ލޯނެއް ވެސް ފެންނަން ނެތް ކަމަށް ހުދު ބައެއް މެންބަރުން ވެސް ދާއިރާ އަށް ގޮސް އެއްބަސްވެލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ހިޔަޅު ކަމުން ކޮސް ވެފައި ހުރެ އިތުރު މީހަކު ކިޔައިން ދިން ގޮތުގައި "އިންޑިއާ އައުޓް" ލިޔެ ޓީޝާޓް ލައިގެން މަގުމަތީ އިންޑިއާ އަށް ހެއްދި ނުހެއްދެވި އެއް ގޮވަމުން ފިތުނަ އުފައްދަން އުޅެފައި ވެރިކަމަށް ހޮވުމުން މީނާގެ މުނާފިގުކަށް ފެނި ބިރުގަތް ކަމަށެވެ. ދިވެހިންނަށް އެންމެ މުހިންމީ އިސްލާމްދީނާއި ގައުމިއްޔަތުކަމަށް ބުނެ ވެރިކަން ލިބުމުން މިގައުމުގެ ހުރިހާ ކަމެއް އިންޑިއާއިން ބަލަަހައްޓާ އުސޫލަށް އެއް ބަސްވެ، ގޮސް ގުޅުން ބަދަހިކުރަން ބައްދައިގަތީ އަނިޔާވެރި ހަރުކަށި މުސްލިމުންނާ ދެކޮޅު ހިންދޫން ބީޖޭޕީ ރައީސް ޖަގަތު ޕްރަކާޝް ނައްޑާ ގައިގައި ކަމަށެވެ. އޭނާ އިތުރަށް ބުނީ އޮޅުވާލުމާއި ދޮގުހެދުމުގައިވެސް ހައްދެއް އޮންނަންވާނެ ކަމަށެވެ. މިހާ ބޮޑެތި ކަންކަން އޮޅުވާލުމުން ރައީސްއަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭތާގައި ތެދުބަހުން ވާހަކަ ދައްކަން ދަސްކުރުން ވެސް މުހިއްމު ކަމަށް އޭނާ ބުންޏެވެ

އޭނާ އިރުރަށް ބުނީ މިހާރު ވެސް މުއިއްޒު ޓީވީން ފެނުމުން ހަނދާނަށް އަންނަނީ ފެބްރުއަރީމަހު ތުރުކީ ދަތުރު ނިންމާލާފަ ދިން ހިތާބުގެ މަތިން ކަމަށެވެ. ވަކި ގައުމަކާ ސީދާ ދެކޮޅަށް ގަދަބަސް ބުނެ، ކާޑުވެސް ގެންނާނީ މިވެނި ތަނަކުންކަމަށާއި އާސަންދައިން ފޮނުވާނީ ދުބާއީއާ ތައިލެންޑަށޭ ބުނެ ދެންވެސް ނުފޯރާފޮތިން ފޫގެޅި ކަމަށެވެ. ނަމަވެސް މިހާރު މި ވެރިން މި ބުނަނީ އާސަންދައަށް ހައްދެއް ނެތި ދައުލަތުން ހޭދަކުރާ ފައިސާގެ ސަބަބުން ސިއްހީ ނިޒާމު އޮތީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައަކަށް ވެފައި ކަމަށެވެ. އަދި މިހެން ބުނެފައި ދެން ލަހެއްނުވެ ފެންނާނީ ދިވެހި ރައްޔިތުން އަތުން އާސަންދަ ކަނޑާލާތަން ކަމަށެވެ.

މުއިއްޒުގެ ސިޔާސަތުތަކަށް ކުރިން ވަރަށް ތާއީދުކުރި ނަމަވެސް މިހާރު މުއިއްޒުއާއި ދެކޮޅަށް ޝުއޫރު ފާޅުކުރާ ދެކުނަށް ނިސްބަތްވާ މީހަކު ބުނީ މި ގައުމު ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ވައްޓާލި މީހަކީ އިބޫ ސޯލިހް އާއި އޭނާގެ ސަރުކާރުގެ ބައެއް މިނިސްޓަރުން ކަމަށް ބުނެ ވަކާލާތުކޮށް ވެރިކަން ހޯދުމަށްފަހު، ސަރުކާރުން އެމީހުން ބޭނުންހާ ހަޅޭކެއް ލަވަން ތަހުގީގެއް ނުހިންގާ ސަރީއަތެއް ނުހިންގާ މިނިވަން ކޮށް ދޫކޮށްލައިފާ ތިބުމުން މުއިއްޒުގެ ހިޔަޅުކަން ސާފުވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ސޯލިހު ސަރުކާރުން ހިންގަމުން ދިޔައީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ވެރިކަމަށް އައިސް ސޯލިހް ސަރުކާރަށްވުރެ ވެސް ޗޯރުކޮށް ރައީސް ޔާމީންއާއި މެދު ކަންކުރައްވަމުން އެގެންދަވާ ގޮތުން މުއިއްޒުއަށް ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަ ވެދާނެ ތޯ ވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ ދޮގާ މަކަރާއި ނުހައްގު މުއްސަދިކަމަށް ރައްޔިތުން ދެކޮޅު ހަދާ ތެދުވުމުން "މަތިން" ރަތް ކާޑު ދައްކާނެ ތީ އެވެ. އަދި ރައްޔިތުން މަގުމަތިވެ، ވިޔަފާރިވެރިން ބަނގުރޫޓުވެ، ގައުމު ފުނޑިގެންދާ މަންޒަރު ބަލަން ދެން ތިބެވޭކަށް ނެތް ކަމަށެވެ.

މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން ހުރި އިތުރު މީހަކު ބުނީ އެމްޑީޕީގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ރިބަން ފަށް ކަނޑައިލުމުގެ އިތުރަށް، މި ސަރުކާރަށް އަހަރު ވީއިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

އިހައްދުވަހަކު ގޮސް ރިބަން ފަށް ކަނޑާލައިފި އިނގޭތޯ ދަރުމަވަންތަ ހޮސްޕިޓަލުން. މާތް ކަލާކީ މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލް ބޭނުންކުރަން ފެށީ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަން ފެށިތާ ފަސް އަހަރު ވީފަހުން އަނެއްކާ މުއިއްޒު މި ރިބަން ކަނޑަނީ، ބޯ ހަމަ ޖެހޭތޯ ވެސް ބަލަން އެބަ ޖެހޭ، މި ވެރިންގެ

- މުއިއްޒުގެ ސިޔާސަތަށް ފާޑުކިޔާ މީހަކު ބުންޏެވެ.

މި ސަރުކާރުގައި ޓެކްސްތައް ބޮޑުކުރުމާއި ފެނާއި ކަރަންޓު ބިލު ބޮޑުވުމާއި ޑޮލަރު ރޭޓު މަތިވުން ފިޔަވައި އިތުރު ކަމެއް ނުކުރެވެ އެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ފަދައިން ކޮރަޕްޝަނަކީ ސިނާއަތެއް ނަމަ އެ ސިނާއަތުން މުއިއްޒުގެ އެއް އަހަރު ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.

ކޮންމެ އަކަސް މިދިޔަ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި މިއަހަރާއި ކުރިއަށް އޮތް އަހަރުތަކުގައި ދައްކަން ޖެހޭ ބޮޑު ދަރަނިތައް އަދި އޮތީ އެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މި ސަރުކާރުން ދަރަނި ނުދެއްކިގެން ޑީފޯލްޓް ނުވިއްޔާ ނަސީބެވެ.

ވާނީ ވެސް އެހެން ނެވެ. މި ސަރުކާރުން ވެރިކަމަށް އައީ ދިވެހި ރައްޔިތުންގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެއަށް ވެސް ދޮގު ހަދައި އޮޅުވާލައިގެން ނެވެ. ހެޔޮ ވެރިކަމެއް ކުރަން ހަމަ ނޭނގުނީ އެވެ. ވެރިކަމެއް ހިންގޭނީ ވިސްނުންތެރިކަމާއި ކެތްތެރިކަމެއް ވެސް ހުރެގެން ނެވެ. ހިސާބަށްވުރެ މުއިއްޒުގެ "މަވަތި" ވުމުގެ ނަތީޖާ އަކީ މިއަދު ސަރުކާރުގެ އެތެރެއިންނާއި ބޭރުން މުއިއްޒުގެ ސަޕޯޓަރުން އެތިބީ މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތުން ދަމައިގެން ނެވެ. ސަރުކާރުގެ ވަފާތެރިން ވެސް ރައީސް މުއިއްޒު އަށް ދެނީ އިތުބާރު ނުކުރެވޭ "ބައިވެރިއެއް" ގެ މަގާމެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved