ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލު ކުރަން، މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ ބިލުން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް ނޫސްވެރިންގެ ދިފާއުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އޭޝިޔާއިން ހާމަކޮށްފިއެވެ.
އެ ޖަމްއިއްޔާއިން މިފަދައިން ހާމަކޮށްފައިވަނީ، ސަރުކާރު އަޑީގައި އޮވެ ހުށަހެޅި އެ ބިލު ބޭރުކޮށްލާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ބައިސާ ކެނޑުއްވުމުން އެކަމަށް ތަހުނިޔާކިޔަމުންނެވެ.
ސިޕީޖޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިލުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށް ނޫސްވެރިންނާއި މީޑިއާތަކަށް ޖޫރިމަނާ ކުރުމާއި، ނޫސްވެރިކަމުގެ ލައިސަންސް ހިފެހެއްޓުމާއި، ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ފުރުސަތު ދެވިގެންދާނެކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެން ކަމުން ގާނޫނު ހަދާ މަޖިލީހުން މި ބިލާ ގުޅޭގޮތުން ނޫސްވެރިންނާއި މުޖުތަމައުގެ މަޝްވަރާ ހޯދައި، ނޫސްވެރިކަމުގެ މިނިވަންކަން ލިބިދޭ މީޑިއާގެ އައު ބިލެއް ޑްރާފްޓު ކުރުމަށް އެ ޖަމިއްޔާއިންވަނީ ގޮވާލައިފައެވެ.
މީޑިޔާ ބިޅާ ގުޅިގެން ބިލާ ގުޅިގެން ބައެއް ޖަމިއްޔާތަކުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެ ބިލުގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.
މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ސުލޫކީ މިންގަނޑު އެކުލަވައިލުމުން ތަކުރާރުކޮށް މިންގަނޑާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، މާފަށް އެދެން އެންގުން ފަދަ ބާރުތައް ވެސް ކޮމިޝަނަށް ލިބެއެވެ.
ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ޚިލާފުވެއްޖެ މީޑިއާއެއް ނަމަ 5000 ރުފިޔާއާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ބިލް އެކުލަވާލާފައި ވަނީ ބަލަމުންދާ މައްސަލައެއް ނިމެންދެން ނޫސް ނެރުން ހުއްޓުވޭ ގޮތަށެވެ. އަދި ވެބްސައިޓު ބްލޮކު ވެސް ކުރެވޭ ގޮތަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވި ފަހުން މިނިވަން ނޫސްވެރިކަން މަރާލުމަށް ތަފާތު ރޭވުންތައް ދަނީ ރާވަމުންނެވެ. މީޑިއާތައް ބްލޮކް ކުރުމާއި މީޑިއާތަކުގެ މައްސަލަތައް ރައީސް އޮފީހުން ކަނޑާލުމާއި ނޫސްތަކަށް ކުންފިތަކުން ދޭ އިސްތިހާރު ހުއްޓުވާލުން ހިމެނޭ ގޮތުން ނެވެ.