ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ މެންބަރުން ސަރުކާރުގެ ގަހުގައި ބަނދެލައިފި އެވެ.
ކުއްލި ގޮތަކަށް މަޖިލީހަށް ރޭ ހުށަހަޅައި މިއަދުގެ ޖަލްސާގައި ފުރަތަމަ ކިިޔުން އިއްވާ އަދި އިބްތިދާއީ ބަހުސް ވެސް ނިންމި މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތުމަށް ފަހު، އަވަސް ކުރުމުގެ ގޮތުން ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަކަށެވެ.
މިއަދު މެންދު 12:30ގައި ބޭއްވި ދެ ގަޑިއިރުގެ އެ ކޮމިޓީ ބައްދަލުވުމުގައި ވެސް ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި މައިގަނޑު އިސްލާހުތަކާ އެއްގޮތަށެވެ. އެއާ އެކު، މިއަދު ހަވީރު 5:30ގައި އިތުރު ޖަލްސާއެއް ވަނީ ބާއްވާފަ އެވެ.
އިސްލާހު ފާސްކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވި އެވެ.
ގާނޫނު އަސާސީ ބަދަލުކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިން ބައެވެ. އެއީ 70 މެންބަރުންނެވެ.
މި އިސްލާހުގައި ބުނަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހުކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރުމަށް ވެރިކަން ކުރާ ޕީއެންސީ އިން ކުރި މަސައްކަތްތަކާ ގުޅިގެން ސިޔާސީ ލީޑަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ގެންނަ ބަދަލު ހިމެނޭހެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އެންގީ، މެންބަރުންނާއި ބައެެއް މިނިސްޓަރުންނާއެކު މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.