މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވަން ތާވަލު ކުރި އަޑުއެހުމަކަށް އެ އޮފީހުން ހާޒިރުނުވެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާކުރުމަށް އައިކޮމްއިން ނިންމީ މައުލޫމާތެއް ހޯދުމަށް ހުށަހެޅި މައްސަލައެއްގައި އެ މައުލޫމާތު މިނިސްޓްރީން ނުދިނުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމަށް މިނިސްޓްރީން ހާޒިރުނުވުމާ ގުޅިގެންނެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީއަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ވަރަަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
މި މިނިސްޓްރީ ޖޫރިމަނާ ކުރި ކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމާއި އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަން،
އާރްޓީއައިތަކަށް އެކަށީގެންވާ އިޖާބައެއް މުއިއްޒުގެ ސަރުކާރުން ނުދޭތީ އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.