ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓު ލިބޭނެ ކަމަށް ނެރުނު ލިސްޓް އެ މިިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ސަލާމަތުން ހުރި ކަމަށާއި އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ މުޅި އިމާރާތް އަނދާ ހުލިވަމުންދާ އިރު ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓަލް މިނިސްޓްރީ ހިންގާ އޮފީސް އިމާރާތުގައި އިއްޔެ ހެނދުނު ރޯވެ، ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ހައިދަރު މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެގެ އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ގޭގެ ރަޖިސްޓްރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިއްމު ލިޔުންތައް އެބަހުއްޓެވެ. ސާވާގެ ޑިސްކުން ވެސް އެ ތަކެތި ނުލިބިއްޖެ ނަމަ އަލުން ޖެހޭނީ އެ މައުލޫމާތުތައް ހޯދަން ކަމަށް ހައިދަރު ވިދާޅުވި އެވެ.
އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ. އެ ތަކެތި ރައްކާކޮށްފައި ވަނީ ކްލައުޑުގަ
ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އިމާރާތުގައި ރޯވުމުން އެކަމަށް މާ ބޮޑު ބަދަލުތަކެއް ނަޔަސް ކުޑަ މަޑުޖެހުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތައް އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އަނދާ ހުލިވެފަ އެވެ. އެއާއެކު އެ ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ތިން މިނިސްޓްރީގެ މަސައްކަތް ވެސް ވަގުތީގޮތުން އަންނަ އާދީއްތަ ދުވަހު ފެށޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.