އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިނިސްޓްރީގެ ސާވާ ސަލާމަތް ނުކުރެވިއްޖެ ނަމަ އެއްވެސް މަޝްރޫއެއްގެ މައުލޫމާތު ލިބޭނެ ގޮތެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓަލް މިނިސްޓްރީ ހިންގާ އޮފީސް އިމާރާތުގައި އިއްޔެ ހެނދުނު ރޯވެ، ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު މިރޭ ވިދާޅުވީ އިއްޔެގެ އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެއް ކަމަށެވެ. ޑިޖިޓަލް ގިނަ މައުލޫމާތު ހުންނާނީ ސާވާގައި ރައްކާ ކޮށްފައި ކަމަށާއި ޑިސްކު ނަގައިގެން ވެސް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ހަމަ ރައްކާ ކުރެވިފައި ހުންނާނީ ސާވާގައި، އެ ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވަންޏާ، އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ،
މަދު ލިޔުންތަކެއް ސަލާމަތްކުރެވުނަސް ސީދާ ކޮން ލިޔުންތަކެއް ކަމެއް އަދި އެއްކޮށް ސާފުނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިސްޓްރީގެ މަސައްކަތް ދަރުބާރުގޭގައި ވަގުތީގޮތުން އަންނަ އާދީއްތަ ދުވަހު ފެށޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ
އިއްޔެގެ އަލިފަނުގެ ހާދިސާގައި މި އިމާރާތްތަކާއި އިންވެގެންހުރި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުންއައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ވިހާ ކުދިންގެ ރަޖިސްޓްރީ ހެއްދުމުގެ ހިދުމަތް ދެމުން އައި ވައިޓަލް ސެކްޝަންގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ހުޅުމާލޭގައި ހުންނަ މާލެސިޓީ ކައުންސިލްގެ ހުޅުމާލޭގެ އޮފީހުންގައިކަމަށެވެ.
އިއްޔެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ހަތް ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނުކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ތިން މިނިސްޓްރީގެ މަސައްކަތް ވެސް ވަގުތީގޮތުން އަންނަ އާދީއްތަ ދުވަހު ފެށޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.